ދުނިޔޭގެ އެންމެ ބޮޑަށް ކުރިއަރާފައިވާ ދިހަ ޤައުމުގެ ލިސްޓަށް، 2023 ގެކުރިން ތުރުކީގެ ނަންއަރާނެ

އަންކަރާ: ތުރުކީގެ ދަސްތޫރަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނަސް ކުރިޔަށްއޮތް ދިހަ އަހަރުތެރޭގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ދިހަ ޤައުމުގެ ތެރޭން އެއްޤައުމު ކަމުގައި ތުރުކީ ހައްދަވާނެ ކަމަށް ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެވެ.

އުރުދުޣާންގެ އިސްލާމީ ޚިޔާލުގެ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގެ ދަސްތޫރަށް އިސްލާޙީ ބަދަލުތައް ގެންނަނީ ތުރުކީގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި މިނިވަންކަން އިތުރުކުރުމަށް ކަމުގައެވެ.

ތުރުކީގައި ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރުތެރޭގައި ވެރިކަންކުރި ޔޫރަޕް ސްޓައިލްގެ ލާދީނީ ޕާޓީތަކުގެ ޒަޢާމަތުގައިި ތުރުކީއަށް ނާންނަ ވަރުގެ އިޤްތިސާދީ އަދި ސިނާޢީ ކުރިއެރުން އުރުދުޣާން ވެރިކަން ކުރެއްވި 10 އަހަރު ތެރޭގައި ތުރުކީއަށްވަނީ ގެންނަވާފައެވެ.
މިކަމުގެ ސަބަބުން ޢިލްމާނީ ޚިޔާލުގެ ލާދީނީ މީހުންގެ ކުރިމަތީގައިވެސް އުރުދުޣާންއާއި އޭނާގެ އިސްލާމީ ޚިޔާލުގެ ޕާޓީގެ މަޤްބޫލުކަންވަނީ އާދަޔާ ޚިލާފަށް އިތުރުވެގެން ގޮސްފައެވެ. ތުރުކީގެ މިހާރުގެ ދަސްތޫރަކީ ލާދީނީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ އަދި ޑިމޮކްރަސީގެ ނިޒާމްވެސް ފުރިހަމަނުވާ ދަސްތޫރެކެވެ.

އުރުދުޣާންގެ ބޭނުންފުޅަކީ ދަސްތޫރަށް އިސްލާޙީ ބަދަލުތަކެއް ގެނަސްގެން ޑިމޮކްރަސީއާއި އިސްލާމީ މެދުމިނުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އަދި އިޤްތިސާދީ ގޮތުންނާއި ސިނާޢީ ގޮތުން ދުނިޔޭގެ ކުރީސަފުގައި ފާހަގަކޮށްލެވޭ ޤައުމަކަށް ތުރުކީ ހެއްދެވުން ކަމަށް އޭނާގެ ޕާޓީގެ ރަސްމީ ނޫސް ބުނެއެވެ.

ޚިޔާލު ހޯދުމުގެ ސަރވޭތައް ދައްކާގޮތުން މިއަހަރުގެ ޖޫންމަހު ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަރުލަމާނީ އިންތިޚާބުވެސް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ކާމިޔާބު ކުރާނެއެވެ. އަދި އުރުދުޣާނާ ވާދަކުރެވޭ ވަރާ ގާތަށްވެސް ތުރުކީގެ ލާދީނީ އެއްވެސް ޕާޓީއަކަށް ނާދެވޭނެއެވެ.

މިހާރު މިނިމެނީ އުރުދުޣާންގެ ދެވަނަ ދައުރެވެ. ތުރުކީގައި ޒަމާނުއްސުރެ ވެރިކަން ކުރަމުން ގެންދިޔަ އަދި އެޤައުމުގެ ސިޔާސީ މަސްރަޙުގައި ބާރާއި ނުފޫޒު ހިންގަމުން ގެންދިޔަ ލާދީނީ ޢިލްމާނީ ޕާޓީތައް އުރުދުޣާންގެ ހަރުދަނާ ޒަޢާމަތުގެ ކުރިމަތީގައިވަނީ ނާކާމިޔާބުވެ އިނދަޖެހިފައެވެ.

އުރުދުޣާންގެ 10 އަހަރުވީ ވެރިކަމުގައި ތުރުކީވަނީ އިޤްތިސާދީ ގޮތުން ބަލިކަށި ޤައުމަކުން ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ "އިމާޖިންގ އިކޮނޮމީ" ގެ ޤައުމަކަށް ތުރުކީ ހައްދަވާފައެވެ.
މީގެއިތުރުން އުރުދުޣާންގެ ޒަޢާމަތުގައި ތުރުކީއަށްވަނީ އެޤައުމުގެ ފަހުގެ ތާރީޚުގައި ނުލިބޭފަދަ ސިޔާސީ ހަމަޖެހުމާއި އިޖްތިމާޢީ ޢަދާލަތާއި އަމަންއަމާންކަންވެސް ލިބިފައެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު