ގެޓްސެޓް ފައިސާ މިމަހު ދޫކުރަން ނިންމައިފި

ގެޓްސެޓް ލޯނު ޕްރޮގްރާމުގެ ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލު ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ޒުވާން ވިޔަފާރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ގެޓްސެޓް ލޯނުގެ ފައިސާ މި މަހުގެ ތެރޭގައި ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ގެޓްސެޓްގެ ޕުރޮގުރާމް މެނޭޖަރު މާހީލް އަލީ ޖަލީލް މިއަދު ސަން އަށް ވިދާޅުވީ ލޯނު ލިބުނު ފަރާތްތަކަށް ފައިސާ ދޫކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި މި މަހުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވީހާ އަވަހަކަށް މިބަލަނީ އެކަން ކުރިއަށް ގެންދެވޭތޯ، މިހާރު އަޅުގަނޑުމެން ފައިނަލް ޕުރޮސެސްގައި މިއުޅެނީ އިނގޭތޯ." މަހީލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި 72 ޒުވާނަކަށް ގެޓްސެޓް ލޯން ދިނުމަށް ނިންމައި އެކަން އިއުލާންކުރި ނަމަވެސް މިހާތަނަށް އަދި އެ ލޯނުގެ ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ 72 ޒުވާނުންނަށް ޖުމުލަ 25 މިލިއަން ރުފިޔާގެ ލޯން ދޫކުރެވިގެންދާއިރު އެއީ އާ ވިޔަފާރިތަކަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.

"ކުޑަ އިންޓުރެސްޓެއްގައި ރަހުނަކާއި ނުލައި 200 މިލިއަން ރުފިޔާ ފަސް އަހަރުގެ ތެރޭގައި ދިވެހި ޒުވާނުންނަށް ދިނުމުން އޭގެ މާނައަކީ ގާތްގަނޑަކަށް މި ފަސް އަހަރު ނިމޭ އިރު 400 ނުވަތަ 500 އާ ގާތްކުރާ އަދަދެއްގެ މުޅިން އާ ވިޔަފާރި ދިވެހި ވުޖޫދަށް އަންނާނޭ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ފަސް އަހަރު ތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް