އަނިޔާ ސިއްރު ކުރުމުގެ ނަތީޖާއަކަށް މަރު!

ޒިޔާދާ: ފިރިމީހާގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތައް ސިއްރު ކުރި --

ފަހަކަށް އައިސް ދެ މީހުންގެ ކައިވެނީގެ ގުޅުމެއް ނެތެވެ. ކައިވެންޏަކީ ހަމައެކަނި ނަމެއްގައި އޮތް އެއްޗެކެވެ. ރަށުތެރޭ ވާހަކަ ދެކެވޭ ގޮތުން ޒިޔާދާ ނައީމަށް އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު އެއްވެސް އަޅާލުމެއް ނުހުރެ އެވެ. އޯގާތެރިކަމެއް ނުހުރެ އެވެ. އޭގެ ބަދަލުގައި އޭނާގެ ފަރާތުން އަނބިމީހާއަށް ލިބިގެން ދިޔައީ ހިތްދަތި އަނިޔާތަކެއް ކަމަށް ޒިޔާދާގެ ރައްޓެހިން ބުނެ އެެވެ. ނަމަވެސް އެކަންކަން ޒިޔާދާ ވަނީ ސިއްރުކޮށްފަ އެވެ. ނަތީޖާއަކަށްވީ ފިރިހެން މީހާގެ ޖިންސީ އަނިޔާތަކުގެ ޝިކާރައަކަށްވެ މިދުނިޔެ ދޫކުރުމެވެ.

ވެންޓިލޭޓަރުގެ އެހީގައި އަޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނަތާ ދެ ހަފްތާއެއްހާ ދުވަސް ވެފައި ވަނިކޮށް ޒިޔާދާ ނިޔާވެފައިވާ އިރު އޭނާގެ ރައްޓެހިން ބުނާ ގޮތުން ޒިޔާދާއަކީ ހިތްދަތި ދިރިއުޅުމެއް އުޅުނު އަންހެނެކެވެ.

"ފިރިމީހާގެ އެއްވެސް އަޅާލުމެއް ނުހުރޭ، ވަަރަށް ވެސް ނިކަމެތި ހާލުގައި ދުނިޔޭގައި އުޅުނު މީހެއް ޒިޔާދާއަކީ،" ޒިޔާދާގެ އެކުވެރިއަކު ސަން އަށް ކިޔައިދިނެވެ.

ޒިޔާދާމެންގެ ކައިވެންޏަށް 19 އަހަރުވެފައިވާ އިރު އެކައިވެންޏަށް ވަނީ ތިން ދަރިން ލިބިފަ އެވެ. އޭގެ ތެރެއިން އެންމެ ދޮށީ ދަރިއަށް 18 އަހަރު ވެފައިވާއިރު ދެން ތިބީ ސްކޫލުގައި އުޅޭ ދެ ކުދިންނެވެ. ޒިޔާދާގެ އެކުވެރިން ބުނާ ގޮތުން ފިރިމީހާގެ އެހީތެރިކަމެއް ނުލިބި ދަރިންގެ ކަންކަން ވެސް ބަލަހައްޓަމުން ދިޔައީ ޒިޔާދާ އެވެ.

ފިރިމީހާގެ އަޅާލުމެއް ލޯތްބެއް ނުލިބޭތާ ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ވެސް ޒިޔާދާމެންނަށް ފޯރުނުކޮށްދޭ ކަމަށް ޒިޔާދާގެ ރައްޓެހިން ބުނެ އެވެ. އެގޮތުން ގޭތެރޭ ކަންކަން ބެލެހެއްޓުމަށް ވެސް ފިރިމީހާގެ އަޅާލުން ނުދޭ ކަމަށް މައުލޫމާތުދިން ފަރާތްތަކުން ބުނެ އެވެ.

"ޒިޔާދާ ނިދާނީ ތަޅުންގަނޑުގައި ފޮތިގަނޑެއް އަޅައިގެން، ނިދާކޮޓަރީގައި ކުޑަދޮރުތަކެއް ވެސް ނުހުރޭ، ފާހާނާގައި ވެސް ދޮރެއް ނުހުރޭ." ޒިޔާދާގެ އެކުވެރިއަކު ބުންޏެވެ.

ފިރިމީހާގެ އަނިޔާތަކަށް ކެތްނުވެގެން އެތައް ފަހަރަކު ވަރިވުމަށް އެދުން ކަމަށް ޒިޔާދާގެ ރައްޓެހިން ބުނެ އެވެ. ޒިޔާދާ އާއި ހަވާލާދީ އޭނާގެ އެކުވެރިން ބުނާ ގޮތުން ވަރިވުމަށް އެދުމުން އޭނާގެ ފިރިމީހާއޭނާއަށް ދޭ ޖަވާބަކީ "ވަރިކުރާނީ އެހެން މީހަކަށް ބޭނުން ނުކުރެވޭ ވަރުކޮށްފައި" ކަމަށެވެ.

ޒިޔާދާގެ އެކުވެރިން ބުނާ ގޮތުން ފިރިމީހާގެ އަމަލުތައް ހުންނަ ގޮތުން ކެތް ނުވެގެން ޒިޔާދާ ވަނީ މިދިޔަ ރޯދަ މަހުގެ ތެރޭގައި ގެއިން ނުކުމެގެން އެހެން ގެއަކަށްގޮސްފަ އެވެ. ނަމަވެސް އޭރު ވެސް ދެމަފިރިން ދިރިއުޅުނު ގެއަށް ޒިޔާދާ ގޮސްހަދަ އެވެ. އޭނާގެ ރަހުމަތްތެރިން ބުނާ ގޮތުން ޒިޔާދާއަށް ޖިންސީ އަނިޔާކޮށްފައި ވަނީ އެހެން ގޮސް އުޅުމުގެ ތެރޭގަ އެވެ.

ޒިޔާދާގެ އާއިލާއިން ބުނާ ގޮތުން ޒިޔާދާއަށް ޖިންސީ އަނިޔާކޮށްފައި ވަނީ ދަރިންގެ ފޮތްލިސްޓް ހަވާލުކުރުމުން ފިރިމީހާ ދިރިއުޅޭ ގެ އަށް ދިޔަ ވަގުތެއްގަ އެވެ. ނަމަވެސް ތަފްސީލީ ގޮތަކަށް ކުރި އަނިޔާއެއް ޒިޔާދާ އެއްވެސް މީހަކާއި ހިއްސާ ނުކުރާތީ އެކަން ހިނގިގޮތެއް އެއްވެސް މީހަކަށް ބުނާކަށް ނޭންގެ އެވެ. ތުންތުން މަތިން އިވޭ އަޑަކީ ތޫނު އެއްޗަކުން ކުރިމަތި ފަރާތްތަށް ގެއްލުންދިން ވާހަކައެވެ. އެ އަނިޔާތަކުގެ ސަބަބުން ޒިޔާދާ ތިނަދޫގައި ހުރި ޑޮކްޓަރަށް ދެއްކުމުން މާލެ ދިއުމަށް ޑޮކްޓަރު ލަފާދިނެވެ. ޒިޔާދާ މާލެ އައުމަށް ފުލައިޓަށް އަރަންދިޔަ ވަގުތުވެސް ލޭ އަންނަމުން ދިޔަކަމަށް މަންޒަރު ފެނުން ފަރާތްތަކުން ބުނެއެވެ.

ޒިޔާދާގެ އެކުވެރިން ބުނާ ގޮތުން ޒިޔާދާ އެމީހުންނާއި މުޅިން ވެސް ހިއްސާކުރަމުން ދިޔައީ ފިރިމީހާގެ އަޅާލުމެއް ނޯންނަ ވާހަކަ އެވެ. އޭގެ ބަދަލުގައި އަނިޔާކޮށް ހަދާކަން ޒިޔާދާ އެއްވެސް މީހަކާ ހިއްސާ ނުކުރާ އިރު ޖިންސީ ގޯނާކުރަން ވެސް ފިރިމީހާ ކުރި ކަންތައްތަކެއް އާއިލާ މީހަކާ ވެސް އަދި ރައްޓެއްސަކާ ވެސް ހިއްސާ ނުކުރާ ކަމަށް އެކުވެރިން ބުނެ އެވެ.

"ޒިޔާ ދައްތަ ނުބުނޭ އަނިޔާ ކުރާ ވާހަކައެއް، ވީގޮތަކާ މެދު ސުވާލު ކުރުމުން ވެސް އެވާހަކަ ކިޔައެއް ނުދޭ." ޒިޔާދާގެ އާއިލާ މެމްބަރަކު ބުންޏެވެ.

އަނިޔާތަކުގެ ސަބަބުން ޒިޔާދާ މި ދުނިޔެއިން ވަކި ވެގެން ގޮސްފައިވާ އިރު ޒިޔާދާއަށް ހެދުނު އެންމެ ބޮޑު އެއްގޯހަކީ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އޭނާއަށް ލިބެމުންދިޔަ އަނިޔާތައް ސިއްރު ކުރުމެވެ. ނަތީޖާއަކަށް އެވީ އެ އަނިޔާތަކުގެ ޝިކާރައަކަށްވެ ދުނިޔެ ދޫކުރަން ޖެހުމެވެ. އެހެންކަމުން އެއީ މިއަދު އަނިޔާ ލިބެމުންދާ އަންހެނުން އިބުރަތަކަށް ދެކެން ޖެހޭ ކަމެކެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިޝަލް އިސްމާއިލް އަލީ ވިދާޅުވާ ގޮތުގައި އެފަދަ އަނިޔާތައް ލިބެމުންދާ ފަރާތްތަކުން އެކަން ސިއްރުނުކޮށް ވީހާ ވެސް އަވަހަށް ފުލުހުންނަށް ނުވަތަ ޖެންޑާއަށް އެކަން ހުށައެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ލިބޭ ފަރާތްތަކުން އެމައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައެޅުމުން އަނިޔާ ލިބިގެންދާ މީހާއަށް ރައްކާތެރިކަން ލިބޭގޮތަށް އެފަދަ މައްސަލަތައް ތަހުގީގް ކުރުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުތައް ވަނީ ފަރުމާ ކުރެވިފަ އެވެ. އެހެންކަމުން ދާއިމީ ހައްލަކަށް ވެގެންދާނީ އެފަދަ މައްސަލަތައް ސިއްރު ނުކޮށް ކަމާބެހޭ އިދާރާތަކަށް ހުށައެޅުމެވެ.

ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރު އައިމިނަތު ނާދިރާ ވިދާޅުވިގޮތުގައި އެފަދަ އަނިޔާއެއް ލިބެމުންދާ މީހެއް ނަމަ ކުރަންޖެހޭ ކަމަކީ ކަމާ ބެހޭ ފަރާތްތަކަށް އެމައްސަލަ ހުށައެޅުމެވެ. ހިލޭ ގުޅޭ ނަމްބަރު 1412 އަށް ގުޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ޖެންޑާއަށް އެފަދަ މައްސަލައެއް ހުށައަޅައިފި ނަމަ ކަމާބެހޭ އިދާރާތަކުން އެމައްސަލަ ތަހުގީގްކޮށް ބަލާނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

އެތައް އަންހެނުންނެއް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އިރު ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހަތިޔާރެއް ބޭނުންކޮށްގެން ޖިންސީ އަނިޔާއެއްކޮށްފި ނަމަ 20 އަހަރާއި 25 އަހަރާއި ދޭތެރޭގެ ޖަލު ހުކުމެއް އާދެ އެވެ.

ޒިޔާދާއަށް ކުރިމަތިވިފަދަ އަނިޔާތަކެއް ތަހަށްމަލްކުރާ އެތައް ބަޔަކު ތިބި އިރު އެއެންމެންވެސް ލިބިގަންނަންވި އިބުރަތަކީ އެފަދަ ލާއިންސާނީ އަނިޔާތަކަށް ކެތްކޮށްގެން ތިބުމުގެ ބަދަލުގައި، ކަމާ ބެހޭ ފަރާތްތަަކަށް އެކަން ހިއްސާކުރުމެވެ. ސިއްރުކޮށްގެން ތިބެއްޖެނަމަ ނަތީޖާ ހިތިވާނެ އެވެ. ތިމާއަށް އަނިޔާ ލިބުމާ އެކު ވީހާ ވެސް އަވަހަކަށް އެކަމުގެ ހައްލު ހޯދަން މަސައްކަތް ފަށަން ޖެހެ އެވެ.

comment ކޮމެންޓް