ދަގަނޑޭ މައްޗަށް 1.4 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލައެއް ސާބިތުވެއްޖެ

އަލީ އަޝްފާގު: 1.4 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލައެއް ވަނީ ސާބިތޔުވެފައި-

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ މައްޗަށް 1.4 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލައެއް ސާބިތުވެއްޖެ އެވެ.

އޭނާގެ މައްޗަށް އެ އެ ދައުވާ ސާބިތުވި ހުކުމް ސިވިލް ކޯޓުން އިއްވާފައި ވަނީ ދަގަނޑޭގެ ޣައިރު ހާޒިރުގަ އެވެ. ދަގަނޑޭގެ މައްޗަށް ސާބިތުވެފައި ވަނީ އިމާރާތެއް ހަދަން ހަރަދުވި 1.4 މިލިއަން ރުފިޔާ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށެވެ.

މީގެ ހަ އަހަރު ކުރިން ޔޫމެޓް ކޮންސްޓްރަކްޝަނާއެކު ދަގަނޑޭ ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ގ. ފައިނުގޭގެ ހަ ވަނަ ބުރި އާއި ހަތް ވަނަ ބުރި އަދި ޓެރަސް އެ ކުންފުނިން ވަނީ ހަދައިފަ އެވެ. ޔޫމެޓުން ކުރި ދައުވާއަށް ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ކުރި ހުކުމުގައި ބުނެފައި ވަނީ ޔޫމެޓަށް ދަގަނޑޭ ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 1،451،225.33 ރުފިޔާ ކަމަށެވެ. އަދި ދަގަނޑޭ އާއި ޔޫމެޓާ ދެމެދު 2009 ވަނަ އަހަރުގެ މާޗު 24ގައި ހަދާފައިވާ އެއްބަސްވުމަކަށް ވީބީ ސްޕޯޓްސް ކުލަބުން ގެރެންޓީ ދީފައިވުމުން، އެ ކުލަބުން ވެސް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.

ވީބީ ސްޕޯޓްސް ކްލަބުން އެ އެއްބަސްވުމަށް ގެރެންޓީ ދިންއިރު، ދަގަނޑޭއަކީ އެ ކްލަބުގެ ކެޕްޓަނެވެ. ވީބީ ސްޕޯޓްސް ކްލަބުގެ ނަން މިހާރު ވަނީ ވީބީ އައްޑޫ އެފްސީގެ ނަމަށް ބަދަލުކޮށްފަ އެވެ. އެ ކުލަބް ވަނީ ތިން ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

ސިވިލް ކޯޓުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ދަގަނޑޭ އާއި ވީބީ ސްޕޯޓްސް ކުލްބުން ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރަންޖެހޭނެ ކަމަށެވެ.

"މި މައްސަލާގައި ސާބިތުވެފައިވާ ފައިސާ މިއަދު، 19 ނޮވެމްބަރު 2015 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ޖެހޭ މިންވަރުން މި ކޯޓަށް ދައްކަމުން ގޮސް، މި ފައިސާ އެކު ޖުމްލަ ހަ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ދައްކައި ހަލާސްކުރުމަށް ވީބީ ސްޕޯޓްސް ކުލަބަށް އަންގައި، އަލީ އަޝްފާގުއަށް ޣައިރު ހާޒިރުގައި އަންގައި ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.

comment ކޮމެންޓް