މީހެއްގެ ކަރުގައި ހިފުމުން ކައުންސިލްގެ ނާއިބު ރައީސް ހައްޔަރުކޮށްފި

ދާންދޫ ކައުންސިލްގެ ނައިބު ރައީސް އިގްބާލް އަބްދުﷲ: އޭނާ މިއަދު ވަނީ ކައުންސިލަށް ހިދުމަތް ހޯދަން ދިޔަ މީހެއްގެ ކަރުގައި ހިފުމުން ފުލުހުން ހައްޔަރުކޮށްފައި --- ފައިލް ފޮޓޯ

ދާންދޫ ކައުންސިލަށް ދިޔަ ޒުވާނެއްގެ ކަރުގައި ހިފުމުން އެ ކައުންސިލުގެ ނައިބު ރައީސް އިގުބާލު އަބްދުﷲ މިއަދު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ ޒުވާނާ ކައުންސިލަށް ދިޔައީ ކައުންސިލުން ހޯދަން ޖެހޭ ހިދުމަތެއް ހޯދުމަށެވެ. އަދި ހިދުމަތް ހޯދަން ގޮސްފައި ހުރި ޒުވާނާގެ ކަރުގައި ކައުންސިލުގެ ނައިބު ރައީސް ހިފާ އޭނާ އަށް ތަފާތު އަނިޔާތަކެއް ވަނީ ކޮށްފަ އެވެ. އެކަމުގެ ސަބަބުން އޭނާ ވަނީ ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާފަ އެވެ.

ސިއްހީ މަރުކަޒުގެ ޒިންމާދާރު ވެރިޔާ ނިއުމާ ލަތީފު މިރޭ "ސަން" އަށް ވިދާޅުވީ މިއަދު މެންދުރު ދޭއްޖަހާ އެހާކަށްހާ އިރު މީހެއްގެ ކަރަށް އަނިޔާވުމުން ފަރުވާ ހޯދުމަށް ސިއްހީ މަރުކަޒަށް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިރޭ "ސަން" އަށް ވިދާޅުވީ ދާންދޫ ކައުންސިލަށް ހިދުމަތް ހޯދަން ދިޔަ މީހަކަށް އަނިޔާކޮށް މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދާންދޫ އިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބަންދަށް މިހާރު 15 ދުވަސް ކޯޓުން ޖަހާދީފައިވާ ކަމަށެވެ.

comment ކޮމެންޓް