ތައުލީމު ދަށް ޒުވާނުން ތަމްރީންކޮށް ވަޒީފާ ދޭ ޕްރޮގްރާމް އެމްޑަބްލިއުއެސްސީން ފަށައިފި

އެމްޑަބްލިޔުއެސްސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވާހަކަފުޅު ދައްކަވަނީ--

މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ފާސްވާ ދަރިވަރުންނަށް އެ ކުންފުނިން ދާއިމީ ވަޒީފާ ދޭ ގޮތަށް ނިއްމައިފިއެވެ.

ސާނަވީ ތައުލީމް ފުރިހަމަ ނުކުރާ އަދި އެ އިމްތިހާނުން ދަށް ނަތީޖާ ލިބިފައިވާ ފަރާތް ތަކަށް ވަޒީފާ ދިނުމަށް އެމްޑަބްލިޔުއެސްސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ ޕްރޮގްރާމަށް ހޮވުނު 18 އަހަރާއި 35 އަހަރާ ދެމެދުގެ 15 ޒުވާނުންނަށް އެ ކުންފުނިން މިއަދު ވަނީ ސެޓްފިކެޓް ދީފަ އެވެ.

އެ ޒުވާނުންނަށް ސެޓްފިކެޓް ދިން ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ސާނަވީ ތައުލީމުން ދަށް ނަތީޖާތައް ލިބިފައިވާ ދަރިވަރުންނަށް ވަޒީފާ ހޯދުމަކީ ދަތިކަމެއް ކަމަށާއި އެ ކުންފުނިން ފެށި ޕްރޮގުރާމްގެ ސަބަބުން އެ ކުދިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެން ދާނޭ ކަމަށެވެ.

"މި ފެށުނު ޕްރޮގުރާމަކީ ކުރިއަށް އޮތްތާންގައި ތަފާތު އެކި ދާއިރާތަކުން ކުދިން ތަމްރީން ކުރުމަށް އެޅިގެންދާ ބިންގަލެއް. ކުރިއަށް ހަ މަސްދުވަހުގެ ތެރޭގައި ތި ބޭފުޅުންނަށް [އެޕްރެންޓިސްޝިޕަށް ހޮވުނު ދަރިވަރުން] ލިބޭ ތަޖުރިބާ އާއި ތަމްރީންގެ އަލީގައި އަޅުގަނޑުމެނަށް ނަތީޖާ ހާސިލްކޮށްދީ. އެ ދަރިވަރުންނަށް އަޅުގަނޑުމެން ދާއިމީ ފުރުސަތު ދޭނަށް،" މްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގެ ބައިވެރިން ކުންފުނީގެ ތަޖުރިބާކާރު މުވައްޒަފުންގެ ބެލުމުގެ ދަށުން ތަމްރީންކުރާއިރު، ފަޒުލް ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމަކީ ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމަށާއި މުޖުތަމަޢަށް ފައިދާ ހުރި ޤާބިލް ޒުވާނުން ބިނާކުރުމުގެ މަޤްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ސަބަބުން، މުޖުތަމައުގައި ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން، މުޖުތަމައުގައި ބޭނުން ހިފޭ ޒުވާން މަސައްކަތްތެރިން އުފެދިގެން ދާނެކަމުގެ އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދާ އެ ޕްރޮގްރާމުގެ ދަށުން، އެޕްރެންޓިސް އިން މަސައްކަތް ކުރާނީ އެމްޑަބްލިޔުއެސްސީ ކަސްޓަމާ ސާވިސް ޑިވިޝަންގެ އެކި ޑިޕާޓްމަންޓްތަކުގަ އެވެ.

comment ކޮމެންޓް