އިސްރާއީލުން ޔޫއޭއީގައި އެމްބަސީއެއް ހުޅުވަނީ

ޔޫއޭއީގެ ބޮޑުވަޒީރު ޝައިޚު މުޙައްމަދު ބިން ރާޝިދު އަލް މަޚުތޫމް. ފޮޓޯ: ޓައިމްސް އޮފް އިސްރާއީލް

ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)ގައި އިސްރާއީލުގެ އެމްބަސީއެއް ހުޅުވުމުގެ ތައްޔާރީތައް އެ ގައުމުން ފަށައިފި އެވެ.

އިސްރާއީލުގެ ހާރެޒް ނޫހުން އިއްޔެ ބުނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ޑައިރެކްޓަރު ޖެނެރަލް ޑޯރް ގޯލްޑް މިދިޔަ އަންގާރަ ދުވަހު ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ސިއްރު ދަތުރެއްކޮށް އިންޓަނޭޝަނަލް ރިނިއުވަބަލް އެނަޖީ އެޖެންސީ (އިރީނާ)ގެ ބައްދަލުވުމުގައި ބައިވެރިވި ކަމަށެވެ. އޭނާ އަބޫދާބީއަށް ދިޔައީ އިރީނާގެ ބައްދަލުވުމަށް ކަމަށް ވިޔަސް އެ ދަތުރުގެ މައިގަނޑު ބޭނުމަކީ އެ ރަށުގައި އިސްރާއީލުގެ މިޝަން ހުޅުވުމުގެ އެންމެ ފަހުގެ އެއްބަސްވުމުގައި ސޮއިކުރުން ކަމަށް ވެސް އެނޫހުން ބުންޏެވެ.

ގޯލްޑްގެ ދަތުރުގައި އޭނާ ވަނީ އަބޫދާބީގައި ތިން ދުވަހު މަޑުކޮށްފަ އެވެ. އަދި އިރީނާގެ ޑިރެކްޓަރު ޖެނެރަލް އަދުނާން އަމީނާ ބައްދަލުކޮށް، އިސްރާއީލުގެ މިޝަން ހުޅުވުމާ ބެހޭ މަޝްވަރާތައް ކުރި ކަމަށް ވެސް ނޫހުން ބުންޏެވެ.

އިސްރާއީލުން ޔޫއޭއީގައި ހުޅުވާ މިޝަންގެ ވެރިއަކަށް އެގައުމުގެ ޑިޕްލޮމޭޓެއް ކަމަށްވާ ރާމީ ހާޓާން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި އޭނާ ވަރަށް އަވަހަށް އެގައުމަށް ދާނެ އެވެ.

ޔޫއޭއީގައި އިސްރާއީލުގެ މިޝަންއެއް ހުޅުވުމުގެ މަޝްވަރާތައް ސިއްރުގައި ކުރަން ފަށާފައި ވަނީ މީގެ އެއް އަހަރު ކުރިން ކަމަށް ވެސް ހާރެޒް ނޫހުން ބުންޏެވެ.

comment ކޮމެންޓް