މުޒާހަރާ ދިގު ދަންމާނަން، ފުލުހުން އެންގީ ސިޔާސީ އެންގުމެއް: އެމްޑީޕީ

ރަޔަޓް ގިޔަރުގައި ތިބި ފުލުހުންތަކެއމަގު ހުރަކަށް ޝިލްޑުތަކެއް އަތުރައިގެން-- ސަން ފައިލް ފޮޓޯ

މާދަމާ ރޭ 12 އަށް މުޒާހަރާ ނިންމާލުމަށް ފުލުހުން އެންގި އެންގުމަކީ ސިޔާސީ އެންގުމެއް ކަމަށާއި މުޒާހަރާ 73 ގަޑިއިރާ 13 މިނިޓަށް ކުރިއަށް ގެންދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ފުލުހުންނަށް އެމްޑީޕީއިން ފޮނުވި މުޒާހަރާގެ ނޯޓިސްގައި ބުނެފައި ވަނީ 73 ގަޑިއިރާ 13 މިނެޓް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށާއި މަގުތަކުގައި ހިނގާލަން ވެސް ނުކުންނާނެ ކަމަށެވެ. އަދި އަޑުގަދަކުރާ ބޭނުން ކުރާނެ ކަމަށް ވެސް އެމްޑީޕީގެ ނޯޓިހުގައި ވަނީ ބުނެފަ އެވެ. އެމްޑީޕީގެ އިސްވެރިންނާ ބައްދަލުކޮށް ފުލުހުން އިއްޔެ ބުނެފައި ވަނީ އެމްޑީޕީން ފޮނުވި ނޯޓިހާ އެއްގޮތަށް މުޒާހަރާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާ މާދަމާ ރޭ 12:00 ޖަހަން ދެން ކުރިއަށް ގެންދެވޭނެ ކަމަށް އެންގީ ލިބުނު މައުލޫމާތާއި ހާލަތު ބަދަލުވުމުން ކަމަށެވެ. ނަމަވެސް އެއީ ކޮން މައުލޫމާތެއް ކަމެއް ހަމްދޫން ވިދާޅެއް ނުވެ އެވެ.

އެކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުން ރާވައިގެން ބާއްވާ އެއްވުމަކާ ގުޅޭގޮތުން އެއްވެސް ހަނިކުރުމެއް ގެންނަނަމަ، ސަބަބު ބަޔާންކޮށް އެކަމެއް ތަފްސީލުކޮށް ލިޔުމަށްފަހު، އެ އެއްވުމުގެ ނޯޓިސް ފުލުހުންނަށް ލިބޭތާ 12 ގަޑިއިރުގެ ތެރޭގައި ފުލުހުން އެއްވުން އިންތިޒާމްކުރާ ފަރާތަށް އަންގަންވާނެ ކަމަށެވެ.

ނޯޓިސް ހަމަވިތާ 12 ގަޑިއިރު ހަމަވި ނަމަވެސް އެއްވުމާ ގުޅޭގޮތުން އެއްވެސް އެންގުމެއް ފުލުހުން އަންގާފައިނުވާ ކަމަށް އަނަސް ވިދާޅުވި އެވެ. އެހެންކަމުން އޭގެ ފަހުން ފުލުހުން އަންގާ ގޮތަކަށް އެއްވުން ބަދަލުކުރަން ނުޖެހޭނެ ކަމަށާއި ފުލުހުންނަށް ފޮނުވި ނޯޓިސްއާ އެއްގޮތަށް މާދަމާގެ މުޒާހަރާ ކުރިއަށް ދާނެ ކަމަށް އަަނަސް ވިދާޅުވި އެވެ.

ފުލުހުންގެ އެންގުން

  • އަޑުގަދަކުރާ ބޭނުން ނުކުރުން
  • މާދަމާ ރޭ 12 ޖަހާއިރު މުޒާހަރާ ނިންމާލުން
  • މަގުމައްޗަށް ނުކުމު މުޒާހަރާ ނުކުރުން
  • ސުލްހަވެރިކަމާއެކު އެއްވެ އުޅުން

އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވީ 12 ގަޑިއިރުވެސް ހަމަވީ ފަހުން ސިޓީއެއްގެ ގޮތުގައި ފުލުހުން އެންގީ ސިޔާސީ އެންގުމެއް ކަމަށެވެ. އަދި އެއީ ފުލުހުންގެ އެންގުމެއް ނޫންކަމަށާއި އެއީ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެގެން އެންގި އެންގުމެއް ކަމަށް އިންތި ވިދާޅުވި އެވެ. ގާނޫނާ ހިލާފު އެންގުމަކަށް ފުލުހުން ވެސް އަދި އެމްޑީޕީއިން ވެސް ތަބާވާން ނުޖެހޭނެ ކަމަށް އިންތި ވަނީ ވިދާޅުވެފަ އެވެ.

"މިންޖުވާން" މި ނަމުގައި މާދަމާ މާލޭގައި ބާއްވާ މުޒާހަރާގައި 25،000 މީހުން ބައިވެރިވާނެ ކަމަށް އެމްޑީޕީން ބުންޏެވެ. އެއީ އަތޮޅުތަކުން 5000 މީހުން އަދި މާލެއިން 20،000 މީހުން ކަމަށް އިންތި ވިދާޅުވި އެވެ. " މާދަމާ މާލޭގެ މަގުތައް ފުރާލާނެ " ކަމަށް އިންތި ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް