މިއަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ބާކީ އޮތް ބައި އޮކްޓޯބަރު މަހަށް ފަސްކޮށް ޕްރެޒިޑެންޓް ކަޕް އަންނަ މަހަށް އަވަސްކޮށް އެމުބާރަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ބާއްވަން އެފްއޭއެމްއިން ނިންމައިފިއެވެ.
އެފްއޭއެމްއިން ކުރިން އެކުލަވައިލާފައިވާ ފުޓްބޯޅަ ކަލަންޑަރު މުރާޖާ ކުރުމަށްފަހު ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަންއަށް ދެއްވި އިންޓަވިއުގައި އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ ޕްރެޑެންޓް ކަޕް ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސައި މުބާރަތުގައި ވަދަކުރާ ޓީމްގެ ޢަދަދު އަށް ޓީމަށް އިތުރުކޮށް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މުބާރާތް ބާއްވަން ހަމަޖައްސާފައިވަނީ ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީގައެވެ.
ގުރޫޕް އޭގެ މެޗްތައް އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅޭއިރު ގުރޫޕް ބީގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކަމަށް ބައްސަމް ވިދާޅުވިއެވެ.
ކުރިން ޕްރެޒިޑެންޓް ކަޕަށް ކޮލިފައިވަނީ ދިވެހި ލީގްގެ ގަދަ ހަތަރު ޓީމެވެ. ނަމަވެސް އެފްއޭއެމްގެ ނޯލައިޒޭޝަން ކޮމިޓީން ފުޓްބޯޅަ ސީޒަންގެ މުބާރަތްތަކަށް ގެނައި ބައެއް ބަދަލު ތަކުގެ ތެރޭގައި ދިވެހި ލީގްގެ އެންމެ ވަރުގަދަ ހަޓީމް ޕްރެޒިޑެންޓް ކަޕްގައި ވާދަކުރަ ގޮތަށް ހަމަޖައްސާފައިވާތީ، އާ ބަދަލުގެ ސަބަން އަށް ޓީމަށް އިތުރުވުމާއެކު ދިވެހި ޕްރިމިއާ ލީގްގެ ކުރިން މުބާރާތް ބާއްވާތީ ފުރަތަމަ ޑިވިޝަން ޓީމްތައް މުބާރާތުގައި ވާދަކުރާނެކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް އިތުރަށް ވިދާޅުވީ ޓީމްތައް އައްޑޫއާއި ކުޅުދުފުއްޓަށް ދާން ޖެހޭއިރު، ޓީމްތަކުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެހެން ތަންތަނުގައި ވަޒީފާ އަދަކުރާ ކުޅުންތެރިންނަށް މުބާރާތަށް ލީވް ދިނުމަށް ސަރުކާރާއެކު ވާހަކަ ދައްކަފައިވާނެ ކަމަށެވެ.
"މިގޮތަށް ބަދަލު މިގެނައީ ސަރުކާރުން މިކަމަށް ބޭނުންވާތީ. އަދުގެ ސަރުކާރުން ބޭނުންވޭ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ބޮޑެތި މުބާރާތްތައް ކުރިއަށް ގެންދަން. އެހެންވެ މުޅި ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ގަދަކުރަން ސަރުކާރުން ބޭނުންވޭ،" ބައްސާމް ވިދާޅުވިއެވެ.
ޕްރެޒިޑެންޓް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 15 ން 30 ށެވެ.