ރިޟްވާނަކީ ކާކުކަން އަންގައިދިނުމުގެ ގޮތުން ހާއްސަ އިވެންޓެއް ބާއްވައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޝްވާން އަބްދުﷲ އަކީ ކާކުކަން އާންމުންނަށް އަންގައިދިނުމުގެ ގޮތުން އޭނާގެ އެކުވެރިންނާއި އާއިލާގެ ފަރާތުން އިވެންޓެއް ބާއްވައިފިއެވެ.

ސަން އަށް މައުލޫމާތު ދެމުން މިނިވަން ނޫހުގެ ނޫސްވެރިޔާ މާރިޔަތު މުހައްމަދު ބުނީ އެއިވެންޓް ބޭއްވުމުގެ މަގުސަދަކީ ރިލްވާންގެ ހަދާންތައް އާކުރުން ކަމަށެވެ. އެއިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށެވެ.

އެއިވެންޓުގައި ރިޝްވާން ހަދާފައިވާ ޅެން ތަކާއި ވާހަކަތަކުގެ އިތުރުން އޭނާގެ މިޖާޒް ހިއްސާކޮށްފައިވެއެވެ. އެގޮތުން ރިޝްވާނާއި ބެހޭ ބައެއް ވީޑިއޯތައްވެސް ދައްކާލާފައިވެއެވެ.

ރިޟްވާން ގެއްލުނު ފަހުން މިއަދަށް 35 ދުވަސްވެފައިވާއިރު، އޭނާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުލުހުން އަންނަނީ މީހުން ދިރިއުޅޭ ބައެއް ފްލެޓްތަކާއި ގެސްޓް ހައުސް ފަދަ ތަންތަނުގެ އިތުރުން ގެތައް ވެސް ބަލައި ފާސް ކުރަމުންނެވެ.

ފުލުހުންގެ ތަހުގީގު ކުރިއަށް ދަނިކޮށް ރިޟްވާން މާލޭގައި ހުންނަ ހުޅުމާލޭގެ ފެރީޓާމިނަލުން ޓިކެޓް ގަނެގެން ޓާމިނަލުން އެތެރެއަށްދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖްއެއް ވަނީ އާންމުވެފަ އެވެ. ނަމަވެސް އޭނާ ހުޅުމާލެއަށް ގޮސްފައިވާކަން ޔަގީން ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރިޟްވާނާ ބެހޭ މައުލޫމާތެއްދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އޭނާގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު