ރެހެންދި އެވޯޑް، ޖޫވޭއާއި ނަޝީއަށް

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ގައުމީ ތަރައްގީއަށް ލާބަޔާއި މަންފާ ލިބޭފަދަ އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ އަންހެނުންނަށް ސަރުކާރުންދޭ "ރެހެންދި" އެވޯޑް ދެ ބޭފުޅަކަށް ދެއްވައިފި އެވެ.

ފުރަތަމަ ފަހަރަށް ދޭ ރެހެންދި އެވޯޑް ހާސިލް ކޮށްފައިވަނީ ޖުވޭރިޔާ ވަޖުދީ އާއި އައިމިނަތު ނަޝީދާ އެވެ.

ރެހެންދި އެވޯޑް އެ ދެބޭފުޅުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އެވެ. އެ އެވޯޑާއެކު ދޭ ފައިސާގެ އިނާމާއި ގޮފިކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ.

ޖުވޭރިޔާއަށް އެވޯޑް ދީފައިވަނީ ކެއްކުމުގެ ދާއިރާއިން އޭނާ ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށެވެ. އަދި ނަޝީދާއަށް އެވޯޑް ދީފައިވަނީ ކޭކް އެޅުމުގެ ދާއިރާއިން އޭނާ ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކޮށެވެ. އެ ދެ ކަނބަލުން ވަނީ މީގެ ކުރިންވެސް ގައުމީ ފެންވަރުގައި ދޭ އެވޯޑްތައް ހާސިލް ކޮށްފަ އެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެންޑާ މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވީ، އަންހެން ކަނބަލުން ކުރިއެރުވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ އަންހެން ކަނބަލުންނަށް ފުރުސަތު ފަހިކުރެވިފައިވާ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.

އަންހެން ކަނބަލުންނަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު ކުރިއަށް އޮތްތަނުގައިވެސް އަންހެނުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރާނެ ކަމަށް މިނިސްޓަރު ޝަކީލާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު