އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑުގައި ރާއްޖޭގެ ގައުމީ ޓީމުން ކުރާ ތަމްރީން ދަތުރުގެ ތެރެއިން ކުޅުނު ދެ ވަނަ މެޗުގައި ތައިލޭންޑްގެ 19 އަހަރުން ދަށުގެ ގައުމީ ޓީމު އަތުން އެއްވަރުވެއްޖެ އެވެ.
އަންނަ މަހު 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިއަދު ކުޅުނު މެޗުން ގައުމީ ޓީމު އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ ތައިލެންޑުގެ 19 އަހަރުން ދަށުގެ ޓީމެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖެ އިން ނަތީޖާ ހަމަހަމަކުރި އިރު، އެ ލަނޑު ގައުމީ ޓީމަށް ކާމިޔާބުކޮށްދިނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފޯވަޑް މުހައްމަދު އުމެއިރު އެވެ. މެޗުގައި ރާއްޖޭ ގައުމީ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެ އެވެ.
މެޗުގެ ކުރީކޮޅުގައި ރާއްޖޭ ގައުމީ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވުމުން އޭނާ ބަދަލުކުރަން ޖެހުނެވެ. ނަމަވެސް ގައުމީ ޓީމުގެ މެނޭޖަރު އަހްމަދު މަހްލޫފު ވިދާޅުވީ، އިމްރާނަށް ކުރިމަތިވި އަނިޔާއަކީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށެވެ.
ތައިލެންޑުގައި ގައުމީ ޓީމު ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ގައުމުގެ އެއްވަނަ ޑިވިޝަނުގެ އޮސްޓްސްޕާ އަތުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. އެ މެޗުން ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ގެ ލަނޑުން ރާއްޖެ މޮޅުވީ 1-0 ލަނޑުންނެވެ. ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ގައުމީ ޓީމް ނުކުންނާނީ ތައިލޭންޑްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށެވެ.
އެފްއޭއެމް އިން މައުލޫމާތު ދޭ ގޮތުގައި ގައުމީ ޓީމުގެ ތައިލެންޑް ދަތުރު ނިންމާލައި، އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ.
އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހު 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. ޗެލެންޖް ކަޕުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ.