"ސަން ރަށަށް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ތަޢާރަފުކޮށް އެ ޕްރޮގްރާމްގެ ދަށުން ކުރާ ފުރަތަމަ ދަތުރުގައި ސަން ޓީމް ފުވައްމުލަކަށް ދާން ނިންމައިފި އެވެ.
"ސަން ރަށަށް" މި ޕްރޮގްރާމަކީ ސަންގެ ނޫސްވެރީންނާއި އެޑިޓަރުން އަދި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމާއި ކުއްލިއަކަށް ދިމާވާ ހާދިސާތަކާއި ބޮޑެތި ކަންކަމާ ގުޅިގެން ޚާއްސަ ކަވަރޭޖްތައް ރަށުން ބޭރުން ގެނެސްދިނުމުގެ ތަޖުރިބާ ހޯދައިދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި އަތޮޅު ތަކުގެ ރަށްރަށަށް ސަން ޓީމު ދަތުރު ކުރާނެ އެވެ. ސަންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ މި ޕްރޮގްރާމަކީ ނޫސްވެރިންގެ އިތުރުން ރަށްރަށަށް ވެސް ވަރަށް މުހިންމު ޕްރޮގްރާމަކަށް ވެގެން ދާނެ ކަމަށެވެ. އެ ގޮތުން ސަން ޓީމު ދަތުރުކުރާ ރަށްރަށުގެ ޚާއްސަ ކަވަރޭޖްތަކެއް މި ޕްރޮގްރާމްގެ ދަށުން ގެނެސްދެވޭނެ ކަމަށާއި އެކަމުގެ ސަބަބުން އެ ރަށެއްގެ މުހިންމު މައްސަލަތައް ކުރިޔަށް ވުރެ ބޮޑަށް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އަންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮގްރާމަކީ ސަން ޓީމަށް ވެސް އަދި ރަށްރަށަށް ވެސް މުހިންމު ޕްރޮގްރާމަކަށް ވެގެން ދާނެ. މިސާލަކަށް ފުރަތަމަ ދަތުރު އަޅުގަނޑުމެން ފުވައްމުލަކަށް ކުރާ އިރު، އެ ރަށުގެ ތާރީޚާއި ރަށުގައި ހުރި އާދަޔާ ޚިލާފު ރީތި ކަމާއި ފުރިހަމަ ކަމުގެ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ރަށުގެ ސިއްހީ، ތައުލީމީ އަދި އިޖުތިމާއީ މައްސަލަތަކަށް ވެސް އަޅުގަނޑުމެން އެޑްރެސް ކުރާނަން،" ހިރިގާ ވިދާޅުވި އެވެ.
ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ "ސަން ރަށަށް" ޕްރޮގްރާމަކީ ތަފާތު އަދި އާދަޔާ ޚިލާފު ތަޖުރިބާ އަކަށް ސަންގެ ނޫސްވެރީންނަށް ވާނެ ކަމަށެވެ. އެ ގޮތުން މި ދަތުރުގައި ސަންގެ މުޅި ނިއުސްރޫމް އެއްކޮށް މާލެއިން ބޭރަށް ބަދަލުވެގެން ދާނޭ ކަމަށާއި ހުރިހާ ކަމެއް ވެސް ހިނގާނީ އެ ފަހަރަކު ސަން ޓީމު ދާ ރަށަކުން ކަމަށެވެ.
"މިސާލަކަށް ޚަބަރު ހޯދުމާއި ޚަބަރު ހެދުން ފަދަ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ނޫސްވެރިން އެ ދުވަހު ކުރާނީ ފުވައްމުލަކުގައި ތިބެގެން. ކޮޕީ އެޑިޓަރުން އެޑިޓް ކުރާނީ ވެސް އެ ރަށުގައި. ޚަބަރު އަޕްލޯޑް ކުރުން ފަދަ ހުރިހާ ކަމެއް ވެސް ހިނގާނީ ހަމަ އެ ރަށެއްގައި،" ސިނާން ވިދާޅުވި އެވެ.
ސިނާން ވިދާޅުވީ "ސަން ރަށަށް" ދަތުރު ކުރާ އިރު، އެ ފަހަރަކު ދާ ރަށެއްގައި ސަންގެ މޯބައިލް ނިއުސްރޫމެއް ގާއިމްކޮށްފައި ހުންނާނެ ކަމަށެވެ. އެ ދުވަހު ނޫސްވެރިން މަސައްކަތް ކުރާނީ މާލޭގައި ވެސް މަސައްކަތް ކުރާ އުސޫލުން ގަޑިޔަށް ނިއުސްރޫމަށް ނުކުމެ އެ ނިއުސް ރޫމުގައި ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.
ސިނާން އިތުރަށް ވިދާޅުވީ "ސަން ރަށަށް" ޕްރޮގްރާމްގެ ދަށުން ކުރާ ފުރަތަމަ ދަތުރުގައި ސަން ޓީމު ފުވައްމުލަކަށް ދާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އެ ގޮތުން މި ދަތުރުގައި ސަން އޮންލައިން އެއްކޮށް އެ ދުވަހަށް ފުވައްމުލަކަށް ބަދަލުވާ އިރު، ސަން ޓީވީ ޕްލަސްގެ ޚާއްސަ ކްރޫ އެއްވެސް ދަތުރުގައި ބައިވެރިވާނެ އެވެ.
"މި ކަމާ ގުޅޭ އިންތިޒާމްތައް އަޅުގަނޑުމެން މި އަންނަނީ ހަމަޖައްސަމުން. ފުވައްމުލަކުގައި ސަންގެ ނިއުސްރޫމް ގާއިމް ކުރާނޭ ތަނަކާއި އެހެނިހެން ވަސީލަތްތައް ގާއިމު ކުރާނޭ ގޮތްތަކާ މެދު މި އަންނަނީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުން. އިރާދަ ކުރެއްވިއްޔާ މިކަން ކާމިޔާބު ވާނެ،"
ސަންގެ ޗީފް އެޑިޓަރު ހިރިގާ ވިދާޅުވީ މި އިވެންޓު ފުވައްމުލަކުގައި ކުރިޔަށް ދާއިރު، ސަންގެ ނޫސްވެރިންނާ އެކު ތަޖުރިބާ ހޯދުމުގެ ގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު ރަށުގެ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އެ ގޮތުން ރަށުގައި ތިބި މޮޅެތި ލިޔުންތެރީންނާއި ނޫސްވެރިކަމުގެ ދާއިރާ އަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ވެސް ޚާއްސަ އުސޫލެއްގެ ދަށުން އެ ދުވަހު ސަން އަށް ލިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް ހިރިގާ ވިދާޅުވި އެވެ.
ސަންގެ ކްރިއޭޓިވް ޑައިރެކްޓަރު ޒާހީ ވިދާޅުވީ "ސަން ރަށަށް" ސީރީޒް އަށް އަމާޒުކޮށް ގެން ޚާއްސަ ސޮފުހާ އެއް އެ ދުވަހަށް ސަން އޮންލައިންގައި ތަޢާރަފު ކުރަން ނިންމާފައިވާ ކަމަށެވެ. މި ސޮފުހާ މެދުވެރިކޮށް ފުވަމުލަކުގެ ރައްޔިތުންނަށް މި ހަރަކާތުގައި އެކި ގޮތްގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ޒާހީ ވިދާޅުވި އެވެ.