އެންމެ ބޮޑު ވަޤުފު އިމާރާތް އަޅަނީ، 260 މިލިއަން ހަރަދުވާނެ

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްތަރު ވާހަކަދައްކަވަނީ: ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިސްލާމީ ވަޤުފް ޕްރޮޖެކްޓު މި އަހަރު ހުޅުމާލޭގައި ފަށަނީ -- ސަން ފޮޓޯ/ އަމަން ލަތީފް

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިސްލާމީ ވަޤުފު މަޝްރޫއު މި އަހަރު ހުޅުމާލޭގައި ފަށާނެ ކަމަށް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސްގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއަކީ އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުން ކަމަށެވެ.

"އެ ތަނުގެ ތެރޭގައި އޮފީސްގެ ޖާގައާއި އަދި ހޯލާއި މިހެން ގޮސް އެކިއެކި ވަސީލަތްތައް ކުއްޔަށް ދެވޭ ގޮތަށް ގާއިމުކުރެވޭ ބިލްޑިންގެއް، ރާއްޖޭގައި ގާއިމުކުރާ އެންމެ ބޮޑު އިސްލާމީ ވަޤުފު ޕްރޮޖެކްޓު އެއީ،" ޝަހީމް ވިދާޅުވިއެވެ.

މި އަހަރު ތެރޭގައި މި މަޝްރޫއުގެ ބިންގާ އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން، އެ ކަމަށް ބޭނުންވާ ހުރިހާ މަރުހަލާއެއް މިހާރު ނިމިފައިވާ ކަމަށާއި ބިން ވެސް މިހާރު އިސްލާމިކް މިނިސްޓްރީގެ ދަށަށް މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވި އެ ކަމަށް ބޭނުންވާ ހުއްދަތައް ވެސް ނަގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަމަން ލަތީފް

މިހާރު ކުރިއަށް ދަނީ އެ ތަން އަޅަން ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް މެދުވެރިކޮށް ލޯނެއްގެ ތެރެއިން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާ އެއްކޮށް މަޝްވަރާކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އޮފީސް ކޮމްޕްލެކްސް އަޅާނީ 20،000 އަކަފޫޓުގެ ބިމެއްގައެވެ. މި މަޝްރޫއަށް 260 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

"އެ ޕްރޮޖެކްޓު ގާއިމު ކުރެވިއްޖެ ކަމުގައި ވަނީނަމަ އެއީ އަހަރުތަކަކަށް މާތް ﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިސްލާމީ ކަންކަމުގެ ތެރޭގައި މި ހުރި މާލީ ދަތިކަން ހައްލުވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ވަޤުފު މަޝްރޫއެއްގެ ގޮތުގައި "ދާރުލް އަރުޤަމް"ގެ ޕްރޮޖެކްޓަށް ވެސް މާލެއިން ބިމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިދެއްވާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް