ސަރުކާރު، މަޖިލީހަށް: އޭސީސީގެ ފްލެޓް ރިޕޯޓް ބޮލައިލައިޖެހުމުން ހައްގުތައް ގެއްލޭނެ

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ނިމުނު ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުން އެންގި ނަމަވެސް، ފްލެޓްތައް ދިނުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓަށް ނުބެލުމަކީ ހައްގުތައް ގެއްލޭނެ ކަމެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކުރީ ސަރުކާރުގެ ފްލެޓް ކޮމިޓީން ފްލެޓުތައް ދޫކޮށްފައިވާ ގޮތާ ގުޅޭ ގޮތުން އޭސީސީ އެކުލަވާލާފައިވާ ރިޕޯޓުގައި ވަރަށް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލުމަކީ މި ސަރުކާރުން ބޭނުންވާ ކަމެއް ނޫން ކަމަށާއި އޭސީސީން ކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް އެ ރިޕޯޓް ބޮލައިލައި ޖަހައި އެހެން ގޮތަކަށް ނިންމުމަކީ ފްލެޓް ނުލިބި ތިބި މީހުންނާއި ފްލެޓް ލިބިފައި ތިބި މީހުންގެ ވެސް ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ސަރުކާރުން މަސައްކަތް ކުރާނީ އެންމެ އިންސާފުވެރި ގޮތަކަށް އެންމެ ރަނގަޅު ގޮތަކަށް އެ މައްސަލަ ހައްލުކުރުމުގެ ކަންތައްތައް ކުރިއަށްގެންދިޔުމަށް ޓަކައި،" ހީނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ފުލެޓުތަކާ ގުޅިގެން އާންމުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނެރުނު ރިޕޯޓު، މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 29 މެންބަރުންގެ އިއްތިފާގުންނެވެ. އެ ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނެތެވެ.

އެ ރިޕޯޓުގައި ވަނީ ލިސްޓަށް އުނިއިތުރެއް ނުގެނެސް ފްލެޓް ދިނުމުގެ އިތުރުން ލަސްނުކޮށް ފުލެޓު ހަވާލުކުރުމަށް ގޮވައިލައިފައެވެ.

https://sun.mv/191622

ފުލެޓު މައްސަލާގައި ފުލެޓު ދޫކުރުން މަޑުޖައްސަލާފައިވަނީ، ލިސްޓުގެ ސައްހަކަން ބެލުމަށް އޭސީސީގެ ތަހުގީގަށެވެ. އެ މައްސަލައިގެ ތަހުގީގަށް ފަހު ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތުހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް