އަންނަ ދިރާސީ އަހަރާއެކު އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން ފަށަނީ

އަޖިއަލް އިންޓަނޭޝަނަލް ސުކޫލު --- ފޮޓޯ/ ދަރިވަރު.އެމްވީ

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ އަޖިއަލް އިންޓަނޭޝަނަލް ސުކޫލުގެ ކިޔެވުން އަންނަ ދިރާސީ އަހަރާއެކު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔަވާދިނުމަށް ނިންމާފައިވާއިރު، އަންނަ ދިރާސީ އަހަރު ކިޔަވައި ދޭން ފަށާނީ ޕްރީ ސުކޫލުން ފެށިގެން ގްރޭޑް ތިނަކާ ހަމައަށެވެ.

އެ ގްރޭޑްތަކަށް ދަރިވަރުން ވެއްދުމަށް ހުޅުވާލާފައިވާއިރު، އަޖިއަލް އިންޓަނޭޝަލް ސްކޫލު ތަރައްގީ ކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އަޖިއަލް އިންޓަނޭޝަނަލް ސްކޫލުގައި 1200 ދަރިވަރުންނަށް ކިޔެވޭއިރު، އިނގިރޭސި މީޑިއަމާއި އަރަބި ބަހުން ވެސް ކިޔަވާދޭނެއެވެ.

އެ ސުކޫލުގެ ފީއެއް ގޮތުގައި ޕްރީ ސުކޫލުން ފެށިގެން ކިންޑަގާޑަންއާ ހަމައަށް ދައްކަން ޖެހެނީ 5،053 ރުފިޔާއެވެ. ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ތިނަކާ ހަމައަށް ވަންނަ ދަރިވަރުންނަށް ދައްކަން ޖެހެނީ 6333 ރުފިޔާއެވެ.

އަޖިއަލް އިންޓަނޭޝަނަލް ސުކޫލު --- ފޮޓޯ/ ދަރިވަރު.އެމްވީ

އެ ސުކޫލުގައި ކިޔެވުން ފެށުމަށް ތައްޔާރުވެފައިވާއިރު، ނަމާދު ކުރާ ކޮޓަރިއަކާއި ޓީޗަރުންގެ ރިސާޗް ރޫމަކާއި މެޑިކަލް ރޫމެއް ހިމެނޭއިރު ކުޅިވަރު ކުޅުމަށާއި އެހެނިހެން ބޭނުންތަކަށް ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އައިރާ ޓަވަރު ފުރަގަހުގައި އޮތް ބިމުގައި އިމާރާތްކޮށްފައިވާ އަޖިއަލް އިންޓަނޭޝަނަލް ސްކޫލު ހިންގުމަށް ހަވާލުކޮށްފައި ވަނީ އަލްޖެރީ ހޯލްޑިންއާއެވެ. އެގޮތުން އެ ސްކޫލުގެ ބިންގާ އަޅާފައިވަނީ ޖޫން 14، 2022ގައެވެ.

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މެއި މަހުގެ 26ގައެވެ.

comment ކޮމެންޓް