އޭއައިގެ ބޮޑެތި ކުންފުނިތަކުން ފެޑެރަލް އޭއައި ސޭފްޓީ ބޯޑާ ގުޅިއްޖެ

އޭއައި ބޮޑެތި ބައެއް ކުންފުނިތަކުގެ ވެރިން ---

ގޫގުލް، އޯޕަންއޭއައި އަދި އެހެނިހެން ބޮޑެތި ބައެއް އޭއައި ކުންފުނިތަކުގެ ލީޑަރުން ފެޑެރަލް އޭއައި ސޭފްޓީ ބޯޑާ ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފެޑެރަލް އޭއައި ސޭފްޓީ ބޯޑަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އިސްނަގައިގެން އޭއައި ރެގިއުލޭޓްކުރުމާ ބެހޭގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އުފެއްދެވި ބޯޑެކެވެ.

އެގޮތުން، ފެޑެރަލް އޭއައި ސޭފްޓީ ބޯޑަކީ ކްރިޓިކަލް އިންފްރާސްޓްރަކްޗާގައި ރައްކާތެރިކަމާ އެކު އޭއައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް އެކުލަވައިލާފައިވާ ގްރޫޕެކެވެ. ވައިޓް ހައުސްއިން އުއްމީދުކުރަނީ އޭއައިގެ ރެގިއުލޭޓަރީ ހުސްކަން މި ބޯޑުގެ ސަބަބުން ފޫބެއްދޭނެ ކަމަށެވެ.

އެމެރިކާގެ ސަރުކާރުގެ އާ އޭއައި ސޭފްޓީ އެންޑް ސެކިއުރިޓީ ބޯޑާ ގުޅުނު ބޭފުޅުންގެ ތެރޭގައި ގޫގުލް، މައިކްރޮސޮފްޓް، އެންވީޑިއާ އަދި އޯޕަންއޭއައިގެ ލީޑަރުން ވެސް ހިމެނޭ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކުރެއެވެ.

އަލްފަބެޓް އިންކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުންދަރު ޕިޗާއީއާއި މައިކްރޮސޮފްޓްގެ އެގްޒެކެޓިވް ޗެއާމަން އަދި ސީއީއޯ ސަތިޔާ ނަޑެއްލާއާއި، އެންވީޑިއާގެ ކޯ ފައުންޑަރު، ޕްރެޒިޑެންޓް އަދި ސީއީއޯ ޖެންސުން ހުއާންގް އަދި އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ވެސް އެ ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.

އެ ގްރޫޕުގައި މަދަނީ ހައްގުތަކުގެ މަޝްހޫރު ބޭފުޅުންގެ އިތުރުން ނޯތުރޮޕް ގްރޫމަންގެ ސީއީއޯ އަދި ޑެލްޓާ އެއާލައިންސްގެ ވެރިޔާ އެޑް ބަސްޓިއަން ފަދަ އިންފްރާސްޓްރަކްޗާގެ ވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ. މެރީލޭންޑްގެ ގަވަރުނަރާއި މޫރާއި ސިއެޓަލްގެ މޭޔަރު ބްރޫސް ހެރެލް ފަދަ ޕަބްލިކް އޮފިޝަލުންގެ އިތުރުން ވެސް އެމެޒޯން، އޭއެމްޑީ، ސިސްކޯ އަދި އައިބީއެމްގެ ޓެކް އެގްޒެކެޓިވްސް ވެސް އެ ބޯޑްގައި ހިމެނިވަޑައިގަންނަވައެވެ.

ރައީސް ބައިޑަން ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެ ބޯޑު ވުޖޫދަށް ގެނައުމަށް އަންގަވާފައެވެ.

ދުނިޔޭގައި އުފެދިފައިވާ ބޮޑެތި އޭއައި ކުންފުނިތައް އެމެރިކާއަށް ނިސްބަތްވާއިރު، އެފަދަ ކުންފުނިތައް މި ބޯޑުގައި ބައިވެރިވުމާ އެކު އިގުތިސާދަށާއި އާންމު ސިއްހަތަށް ނުވަތަ ގައުމީ ސަލާމަތަށް "ސީރިއަސް ނުރައްކަލެއް" ކުރިމަތިވެދާނެ ފަދަ އޭއައި ޓެކްނޮލޮޖީގެ ޕްލެޓްފޯމެއް އެއްވެސް ބަޔަކު ނުވަތަ ކުންފުންޏަކުން އުފައްދައިފި ނަމަ ކުންފުނިތަކުން ސަރުކާރަށް އަންގަން ޖެހޭނެއެވެ.

އޭއައި ބޯޑުގެ ފުރަތަމަ ބައްދަލުވުން އަންނަ މެއި މަހު ބާއްވަން ޖެހޭއިރު، ކުއާޓާލީ އުސޫލުން އެ ބޯޑުގެ ބައްދަލުވުންތައް ގަވާއިދުން ބާއްވަން ޖެހެއެވެ.

ބައިޑަންގެ ސަރުކާރުން ވަގުތީ ފިޔަވަޅެއްގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ރެގިއުލޭޓްކުރުމަށް އޭއައި ބޯޑެއް އެކުލަވާލައި މަސައްކަތްތަކެއް ކުރާއިރު، ކޮންގްރެސްއިން މި ކަމާ ގުޅޭ ގާނޫނެއް ހެދުމަށް ވެސް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ.

އޭއައި ޓެކްނޮލޮޖީއަކީ އޭގެ ސަބަބުން އޮޓޮމޭޝަންގެ ޒަރިއްޔާއިން ފުޅާ ދާއިރާއެއްގައި ގިނަ ބައެއްގެ ވަޒީފާ ގެއްލި، އިގުތިސާދީ ގޮތުން ނުތަނަވަސްކަމާއި ތަފާތުކުރުންތައް އުފެދި، އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ވައްޓަފާޅިއަށް އަސާސީ ބަދަލުތަކެއް އަންނާނެކަމުގެ ކަންބޮޑުވުން އިތުރުވަމުންދާ ޓެކްނޮލޮޖީއެއް ކަމަށް މި ދާއިރާގައި ބަހުސްކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު