55 ގަޑިއިރު ތެރޭ 90 މީހުންނާ އިންޓަވިއުކޮށްގެން ރެކޯޑު ހަދައިފި

ރެކޯޑު ހޯދި ކްލާރާ ޗިޒޯބާ ކްރޮންބޯގް މީހަކާ އިންޓަވިއު ކުރަނީ. ފޮޓޯ/ޔޫޕީއައި.ކޮމް

55 ގަޑިއިރާއި 24 ސިކންތުގެ ތެރޭގައި 90 މީހަކާ އިންޓަވިއުކޮށްގެން ނައިޖިރީއާގެ އަންހެނަކު ރެކޯޑު މުގުރައިލައިފިއެވެ.

ރެކޯޑު ހޯދުމަށް ކްލާރާ ޗިޒޯބާ ކްރޮންބޯގް ކިޔާ އެ އަންހެމީހާ ވަނީ "އަންހެނުންގެ ވޯލްޑް ޝޯ"ގެ ނަމުގައި ޓޯކް ޝޯއެއް ހޯސްޓުކޮށްފައެވެ.

އެ ޝޯގައި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުންނާއި އެހެނިހެން ދާއިރާތަކުގެ މީހުންނާއި އިންޓަވިއުކޮށް، އެމީހުން ކާމިޔާބީ ހޯދި ގޮތާ ބެހޭ ގޮތުން ވާހަކަ ވަނީ ދައްކައިފައެވެ.

ކްރޮންބޯގް އެ އިންޓަވިއުތައް ކުރިއަށް ގެންގޮސްފައިވަނީ ސްޕެއިންގެ މާބެލާގައި ބަނދަރުކޮށްފައިވާ ޔޮޓެއްގައެވެ. އިންޓަވިއުތަކުގެ ތެރެއިން ގަޑިއަކު ފަސް މިނެޓްގެ ބްރޭކެއް އޭނާ ނެގިއެވެ.

އެހާ ގިނައިރު އިންޓަވިއު ކުރުމަށް ހޭދަކުރުމުން އޭނާގެ އަޑު ބަދަލުވެ، ބުރަކަށީގައި ރިއްސުން ފަދަ ކަންތައްތަކާ ކުރިމަތިލާން ޖެހުނު ކަމަށް ކްރޮންބޯގް ބުންޏެވެ.

އަދި އެ ހުރިހާއިރު އޭނާ އިނި ބޮޑެތި މީހުންނަށް ހާއްސަކޮށްފައި ހުންނަ ނެޕީއެއް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް