ޗިކުންގުންޔާ ފެތުރޭ މިންވަރު ބާރަށް އިތުރުވަނީ

މީގެ ކުރިން ރޯގާ ފެތުރުމުން ހުޅުވި ފްލޫ ކްލިނިކެއް:--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ޗިކުންގުންޔާ ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވެއްޖެކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ހަލީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރިޕޯޓް ކޮށްފައިވަނީ 46 ކޭސްއެވެ. ދެ ދުވަހުގެ ތެރޭގައި އެ އަދަދު އެ ވަނީ އިތުރުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށެވެ.

ޗިކުންގުންޏާއަކީ މަދިރީގެ ޒަރީއާއިން އުފެދޭ ނުރައްކާތެރި ބައްޔެކެވެ.

ޗިކުންގުންޏާގެ އަލާމަތްތަކުތެރޭގައި ހުންއައުން، ހުޅުހުޅުގައި ރިއްސުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.

އެޗްޕީއޭއިން ބުނީ މީގެ ކުރީ މަސްމަހު ޗިކަންގުންޏާގެ ކޭސްތައް މަދުކަމަށެވެ. ނަމަވެސް މި މަހު ޗިކަންގުންޏާގެ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަމަށް ހެލްތު މިނިސްޓަރީން ބުންޏެވެ.

comment ކޮމެންޓް