ޝަހީދުކޮށްލި މަންމަގެ ބަނޑުން ނެގި ތުއްތު ކުއްޖާވެސް ނިޔާވެއްޖެ

ޝަހީދުކޮށްލި މަންމަގެ ބަނޑުން ނެގި ތުއްތު ކުއްޖާވެސް ވަނީ ނިޔާވެފައި. ފޮޓީ/ދަ އިންޑިއަން އެކްސްޕްރެސް

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މިދިޔަ ހަފުތާ ބަންދުގައި ދިން ހަމަލާއެއްގައި ޝަހީދުވި މާބަނޑު މީހާގެ ބަނޑުން ނެގި ދުވަސްނުފުރޭ ދަރިފުޅު ވެސް ނިޔާވެއްޖެއެވެ.

ތުއްތު ކުއްޖާގެ މަންމަ، ސަބްރީން އަލް ސަކާނީ ޝަހީދުކޮށްލީ އެއް އާއިލާއެއްގެ 19 މީހުން ޝަހީދުކޮށްލި މިސައިލް ހަމަލާއެއްގައެވެ. ސަބްރީން ހޮސްޕިޓަލަށް ގެންދިޔައިރު ފުރާނަ ހުރި ނަމަވެސް އޭނާގެ ބޮލަށާއި ބަނޑަށް ލިބިފައިވާ ސީރިއަސް އަނިޔާތަކުގެ ސަބަބުން ވަނީ ޝަހީދުވެފައެވެ.

ސަބްރީން އަލް ރޫހުގެ ނަމުން ނަން ދީފައިވާ އެ ތުއްތު ކުއްޖާ ނިޔާވީ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރަފަހް ސިޓީގެ އެމިރާތީ ހޮސްޕިޓަލްގައެވެ.

ކުއްޖާގެ ބޮޑުބޭބެއެއް ކަމަށްވާ ރާމީ އަލް ޝައިޚް އޭއެފްޕީއަށް ބުނީ ކުއްޖާގެ ފުރާނަ ސަލާމަތްކުރެވޭތޯ ހޮސްޕިޓަލްގެ ސްޓާފުންނަށް ކުރެވުުނުހާ މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް ހާލަތު ގޯސްވެ ފުރާނަ ސަލާމަތް ނުކުރެވުމުން އެކަން ހޮސްޕިޓަލުން ގުޅައި އެންގި ކަމަށެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 34،356 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

comment ކޮމެންޓް