'މިއީ އަސީރުން މިނިވަންކުރަން ލިބޭ އެންމެ ފަހު ފުރުސަތު'

ހުޅަނގު އައްސޭރީގެ ދީރް އަލް ގުސުންގެ މަގެއް އިސްރާއީލު ސިފައިން ބަންދުކޮށްފައި -- ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތަކަށް ފަލަސްތީނުގެ ވަފުދެއް މިސްރަށް ފުރަން ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްވަރާތަކަކީ ހަމާސްއިން ރަހީނުކޮށްފައި ތިބި އިސްރާއީލުގެ އަސީރުން މިނިވަންކުރުމަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ބުނެފިއެވެ.

އޮފިޝަލް ބުނީ އިސްރާއީލުން ރަފަހްއަށް ހަމަލާދޭން ފެށުމުން ހަމާސްގެ އޮފިޝަލުން މިސްރަށް ދިއުން ފުރަތަމަ ކެންސަލްކުރި ނަމަވެސް ފަހުން މިސްރަށް ދިއުމަށް ނިންމައިފައިވާ ކަމަށެވެ.

ރަފަހްއަށް އަރައި ހަމަލާދޭން އިސްރާއީލުގެ ބޮޑު ވަޒީރު ނިންމި ނިންމުމުން ދޭހަވަނީ ނަތަންޔާހޫ ބޭނުންފުޅު ވަނީ އިސްރާއީލުގެ އަސީރުން މަރުވާން ދޫކޮށްލުން ކަމުގައި ވެސް އޮފިޝަލު ވިދާޅުވިއެވެ.

އާ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންދަނީ މިސްރާއި ގަތަރު މެދުވެރިވެގެން ހުށަހެޅި ހަނގުރާމަ ހުއްޓައިލުމުގެ ހުށަހެޅުން ގަބޫލުކުރާކަން ހަމާސްއިން އިއުލާނުކުރުމުންނެވެ. ނަމަވެސް ޑިމާންޑުތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް ބުނެ އިސްރާއީލުން ވަނީ އެ ހުށަހެޅުން ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.

ގަތަރާއި މިސްރު މެދުވެރިވެގެން ހަނގުރާމަ ހުއްޓައިލުމާ ބެހޭ މަޝްވަރާތައް މަސްތަކެއް ވަންދެން ކުރިއަށް ގެންގޮސްފައި އޮތް ނަމަވެސް، މަޝްވަރާތަކަށް ކުރިއެރުމެއް ހޯދުން މިހާތަނަށް އޮތީ ކާމިޔާބުނުވެއެވެ.

މަޝްވަރާތައް ނާކާމިޔާބުވެފައިވަނީ ހަނގުރާމަ ހުއްޓައިލުމަށް ހަމާސްއިން ޑިމާންޑު ކުރުމާއި ހަމާސް ނައްތައިލުމަށް ވައުދުވެ، އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 34،789 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް