ގައުމީ ޔުނިވާސިޓީން މެޑިސިން ކިޔަވާ ދަރިވަރުން އެދެނީ ކިޔެވުމަށް ދާއިމީ އިމާރާތެއް ހަމަޖެހެން ދެން، މިހާރު އެކުދިންގެ ތަމްރީނުތައް ކުރިއަށް ގެންދާ ދަރުމަވަންތަ ހޮސްޕިޓަލުގައި ކިޔެވުމުގެ އިންތިޒާމުތައް ހަމަޖެހެން ކަމަށް ކަމަށް ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ބުނެފިއެވެ.
މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފަންގިފިލާ ހުސްކުރަން އެންގުމާއެކު އެކަމުގެ ކަންބޮޑުވުން ދަރިވަރުން އަންނަނީ ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ޔޫނިއަނުން ނެރުނު ބަޔާނެއްގައި ވަނީ، ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވާ ދަރިވަރުން، ކިޔަވާ އިމާރާތުން ނުކުންނަން އެންގުމުން ވަރަށް ގިނަ ޝަކުވާތައް ލިބިފައި ވާކަމަށެވެ. އަދި 200އަށްވުރެ ގިނަ ދަރިވަރުން ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލް ކުރާއިރު، ހަތް ބެޗު ހިމެނޭ ކަމަށް ޔޫނިއަނުން ބުނެފައި ވެއެވެ.
އެހެންކަމުން އިމާރާތް ބަދަލުކުރުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އިއްޔެ ޔުނިވާސިޓީގެ މެނޭޖްމަންޓާ އެކު ބައްދަލުވުމެއް ބާއްވާފައި ވާކަމަށް ޔޫނިއަނުން ބުންޏެވެ. އަދި މިވަގުތައް ގެނައުމަށް މެނޭޖްމަންޓުން ވިސްނާ ބަދަލުތަކުގެ ސަބަބުން ފައުންޑޭޝަން ސްޓަޑީސްގެ ދަރިވަރުންނާއި އެހެން ފެކަލްޓީތަކުގެ ދަރިވަރުންގެ ކިޔެވުމުގެ އިންތިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މިފަދަ ބަދަލުތަކަ ގުޅިގެން 1000އަށް ވުރެ ގިނަ ދަރިވަރުންގެ ތައުލީމު ހާސިލްކުރުމުގެ މަަސައްކަތަށް ސީދާ އަދި ނުސީދާ ގޮތެއްގައި އަސަރު ކުރާނެ،" ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ވަނީ، މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ދަރިވަރުންގެ ޔޫނިއަނުގެ ފަރާތުން ރައީސް ޑޜ. މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވާފައި ވާކަމަށެވެ. އަދި ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސާ ބައްދަލުކުރުމަށް މި ސިޓީގައި އެދިފައި ވާނެ ކަމަށެވެ.
ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނަށް އަޅަން ނިންމާފައިވާ ޓީޗިން ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ނިންމާ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މި ބަޔާނުގައި އެދިފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ގައުމީ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވަނީ، ގައުމީ ޔުނިވާސިޓީން މެޑިސިން ކިޔަވާ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުން ދީފައިވާ ދެ ފަންގިފިލާ ހުސްކުރަން އެ ހޮސްޕިޓަލުން އެންގި ނަމަވެސް އެކުދިންނަށް ދެރައެއް ނުލިބޭނެ ކަމަށާއި، ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލު ކެމްޕަސް ހުޅުމާލޭގައި އަޅަން ނިންމާފައިވާކަމަށެވެ.