ޔޫއެން ރެޕެޓުއާގެ އިންޒާރެއް: ރާއްޖެ ކަނޑުގެ އަޑިއަށް ދިޔުމުގެ ކުރިން ދިރިނޫޅެވޭ ހާލަތަށް ގޮސްދާނެ

ރާއްޖޭގެ ރަށްތަކެއް: ދިވެހިރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ އެއްކޮށް ކަނޑު އަޑިއަށް ހިނގައިދާނެ ކަމުގެ އިންޒާރެއް އަނެއްކާ ވެސް ދީފި

ރާއްޖެ މުޅީން އެއްކޮށް ކަނޑު އަޑިއަށް ހިނގައިދާނެ ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކާއިރު، އޭގެ މާ ކުރިން މި ގައުމުގައި ދިރިނޫޅެވޭ ހާލަތަށް ގޮސްދާނެ ކަމަށް އދ.ގެ ސްޕެޝަލް ރެޕަޓުއާ ޑޭވިޑް އާރު ބޮއިޑް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ޒިޔާރާތަކަށްފަހު، ދެއްވި ބަޔާނެއްގައެވެ.

ބޮއިޑް ވިދާޅުވީ ރާއްޖޭގެ ބިމުގެ އެންމެ އުސް ހިސާބު ވެސް އޮންނަނީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ 2.4 މީޓަރު އުހުގައިކަމަށްވާއިރު ރާއްޖެ މުޅީން އެއްކޮށް ކަނޑު އަޑިއަށް ހިނގައިދާނެ ކަމަށް ސައިންޓިފިކް ދިރާސާތަކުން ދައްކާ ކަމަށެވެ.

އެހެން ނަމަވެސް އޭގެ މާ ކުރިން، ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލި، އިންތިހާއަށް ހޫނުގަދަވުމާއި ފެންބޮޑުވުމުގެ އިތުރުން ގޮނޑުދޮށުގެ ވެލިގަނޑު ގިރައިގެން ދިއުންފަދަ، އާދަޔާ ޚިލާފު މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަކީ ދިރިއުޅެން އެކަށީގެންނުވާ ތަނަކަށްވުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮއިޑް ވިދާޅުވާ ގޮތުގައި ރާއްޖޭގެ ތިމާވެއްޓާއި އިންސާނީ ހައްގުތަކާ ގުޅުންހުރި އެންމެ ޚިޔާލު ތަފާތުވާ މައުޟޫއަކީ ބިން ހިއްކުމެވެ. އެ ގޮތުން މޫދުން ވެލި ނަގައިގެން ރާއްޖޭގެ ރަށްތައް ބޮޑުކުރުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޮއިޑް ވިދާޅުވީ ބިން ހިއްކުމަކީ އޭގެ ޒާތުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިކުރުވާ، ގުދުރަތީ ގޮތުން ލައްވާފައިވާ ދިފާއީ ނިޒާމަށް ގެއްލުންދޭ ކަމެއް ކަމަށެވެ. އަދި ކަނޑުގެ ދިރުންތައް ނެތިކޮށްލައި، ގައުމަށް އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތްކުރާ ސަބަބު ކަމަށްވާ ގުރުދަތީ ދިރުންތައް ނެތިކޮށްލާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ބޮއިޑް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާއެކު، ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފިނަމަ، އެ ކަން ވާނީ ތިމާވެށީގެ ކުއްލި ހާލަތުން ކުރާ ނޭދެވޭ އަސަރުތަކާ ފައިހަމަކޮށް، އެ ކަންކަމުން ދިފާއުވުމަށް ލިބޭ ވަރަށް އަގުހުރި މެދުވެރިއަކަށް ކަމަށެވެ.

މީގެ އިތުރުން ވެސް އޭނާވަނީ ރާއްޖޭގެ ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ކުރުވާ އެހެނިހެން ކަންކަން ވެސް ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ރާއްޖެއަކީ ކަަރަންޓު އުފެއްދުމަށް ބޭރު ގައުމުތަކުން އެތެރެކުރާ ތެލަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެއީ ވައި ތަޣައްޔަރުކުރުމަށް މަގުފަހިކުރުވާ، އަދި ތިމާވެށީގެ މައްސަލަތަކުގައި އިންސާފު ހޯދުމަށް އެންމެ ކުރީ ސަފުގައި އަޑުއުފުލާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަން ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމެއް ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ މަސައްކަތްތެރިން ވެސް އެ މަސައްކަތްކުރަނީ ސިއްހީ ގޮތުންނާއި އެ ނޫން ވެސް ގޮތްގޮތުން ރައްކާތެރިކަން ނެތް މާހަައުލެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮއިޑް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސަރުކާރުގެ އޮފިޝަލުންނާއި މަދަނީ ޖަމިއްޔާތަކާއި، ޒުވާނުންގެ މަންދޫބުންނާ ވެސް ބައްދަލު ކުރެއްވިއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ބައެއް ސަރަހައްދުތަކާއި، ތިލަފުށީގައި ހުންނަ ކުނި އުކާލާ ސަރަހައްދާއި ހިމާޔަތްކޮށްފައިވާ ބައެއް ސަރަހައްދުތަކަށް ވެސް ޒިޔާރާތް ކުރެއްވިއެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެ ބިންތިރި ގައުމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ރާއްޖެ 2100ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އެއްކޮށް ކަނޑު އަޑިއަށްދާނެ ކަމަށް މޫސުމީ ބައެއް ދިރާސާތަކުން ދައްކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް