މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި، ހަތަރު އިންސައްތައިގެ އިތުރުވުމެއް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދުން ކޮންޓޭނަރުން މުދާ ކްލިއާރ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލާ އަޅައިބަލާއިރު މިއަހަރު ހަތަރު އިންސައްތަ އިތުރަށް މުދާ އިމްޕޯޓުކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެ ކުރީ 4.2 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓު އިތުރުވެފައިވީ ނަމަވެސް، ދައުލަތަށް ލިބުނު އާމްދަނީއާއި މުދާ އެކްސްޕޯޓު ކުރި މިންވަރު ވަނީ ދަށްވެފައެވެ.

އާމްދަނީ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ 320 މިލިއަން ރުފިޔާއެވެ. އެކަމަކު 2023 ވަނަ އަހަރުގެ މާޗު މަހު ދައުލަތަށް ވަނީ 330 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެއީ މި އަހަރާ އަޅައިބަލާއިރު ތިން އިންސައްތައިގެ ދަށްވުމެކެވެ.

އޭގެއިތުރުން، މިދިޔަ ފެބްރުއަރީ މަހާ އަޅައިބަލާއިރު ރާއްޖޭން ބޭރުކުރި މުދާ 35.3 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މާޗް މަހު އެކްސްޕޯޓުކޮށްފައި ވަނީ 124 މިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސްގެ އަދާހަމައިން ދައްކާގޮތުން ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޯރެވެ.

  • އޮމާނުން އެތެރެކުރީ 777 މިލިއަން ރުފިޔާގެ މުދާ
  • އިންޑީއާއިން އެތެރެކުރީ 263 މިލިއަން ރުފިޔާގެ މުދާ
  • ޔޫއޭއޭއިން އެތެރެކުރީ 671 މިލިއަން ރުފިޔާގެ މުދާ
  • ޗައިނާއިން އެތެރެކުރީ 440 މިލިއަން ރުފިޔާގެ މުދާ
  • ސިންގަޕޫރުން އެތެރެކުރީ 401 މިލިއަން ރުފިޔާގެ މުދާ

ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި މާޗު މަހު ރާއްޖޭން ބޭރުން 133 އުޅަނދު އައިސްފައިވާއިރު ރާއްޖޭން ފުރާފައިވަނީ 158 އުޅަނދެވެ. އަދި، މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 18.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް