އިސްރާއީލުގެ ބޮޑުވަޒީރު ހައްޔަރު ކުރުމުގެ އަމުރެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރެން ތައްޔާރުވަނީ!

ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާކަމަށް ބޮޑޫ މުޖްރިމް ކަމަށް ތުހުމަތު ކުރެވޭ ޔަހޫދީ ބޮޑުވަޒީރު ނަތަންޔާހޫ

ޓެލްއަވީވު (24 އެޕްރީލް 2024) : ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ގަތުލުއާންމުތައް ތަހުގީގު ކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ދައުވާތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ބައެއް އިސްވެރިންނާއި އަސްކަރީ ބައެއް އޮފިސަރުން ހައްޔަރު ކުރުމުގެ އަމުރެއް އެ ކޯޓުން ނެރެން ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ، ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

އިސްރާއީލުގެ ނޫސްތައް ކަމަށްވާ "ހާއާޓްސް" އަދި "މައާރީފް" އަދި އެހެންވެސް ބައެއް ނޫސްތައް ބުނާގޮތުން ނަތަންޔާހޫ އާއި އިސްރާއީލުގެ އިސް ބައެއް ވެރިންނާއި އަސްކަރީ ބައެއް އޮފިސަރުން ހައްޔަރުކޮށްގެން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް (އައިސީސީ) އަށް ހާޒިރު ކުރުމަށް ގޮވާލާ އަމުރެއް ކޮންމެ ވަގުތަކުވެސް ނެރެފާނެކަމުގެ ބިރު އެބައޮތެވެ.

މި އަމުރު ނެރެފާނެކަމުގެ ބިރަށް އިސްރާއީލުގެ ވެރިންގެ ދިފާއުގައި އެކަން ހުއްޓުވުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން މަސައްކަތް ކުރަމުންގެންދާކަމަށް ވެސް އިސްރާއީލުގެ މީޑިއާ ބުނެއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންގެ 34،000 މީހުން ޝަހީދުކޮށް 90،000 އަށްވުރެން ގިނަ މީހުން ޒަޚަމްކޮށްލާފައިވާއިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އިސްރާއީލުގެ ސިފައިންވަނީ ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކަށްވެސް އަރައިގަނެ އެތަންތަނުގައިވާ ބަލިމީހުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އެތައް ސަތޭކަ ބަޔަކު މަރާލައި އެތަންތަން ތަޅައި ސުންނާފަތިކޮށްފައެވެ.

މީގެ އިތުރުން އިސްރާއީލުން އަރައިގަތް ޣައްޒާގެ ދެ ހޮސްޕިޓަލެއްގެ ގޯތިތެރެއިންވަނީ އެތައް ސަތޭކަ ބަޔަކު އެއްވަޅެއްގައި ވަޅުލާފައިވާ ބިޔަ ދެ ކައްވަޅުވެސް ފެނިފައެވެ. މީގެތެރެއިން އެއްކައްވަޅުން 200 މީހުންގެ ހަށިތައް އަނެއްކައްވަޅުން 300 މީހުންގެ ހަށިތައް ފެނިފައިވާއިރު މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ހަށިތައްވެސް ހިމެނެއެވެ.

އިސްރާއީލު ސިފައިން ޣައްޒާގެ ބައެއް މީހުން މިކައްވަޅުތަކުގައި ވަޅުލާފައިވަނީ ދިރިތިއްބައި އެ މީހުންގެ އަތްފައި ބަނުމަށްފަހު ވަޅުގަނޑަށް ވައްޓާލައި ފަސްއަޅައިގެން ކަމަށް އެ މަންޒަރު ފެނިފައިވާ ބައެއް މީހުން ބުނެފައިވެއެވެ. އދ. ގެ މަސްއޫލުވެރިން ވަނީ މިކަށްވަޅުތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ. ނަމަވެސް އެމެރިކާ ދަނީ މިކަމަށް ހުރަސްއެޅުމަށް މަސައްކަތް ކުރަމުންނެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް މިހާތަނަށް 7000 އަށް ވުރެ ގިނަ ގަތުލުއާންމު ހިންގާފައިވާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުންނާ އަދި އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ގާނޫނީ ވަކީލުންގެ ޓީމުތަކުން ޑޮކިއުމެންޓް ކޮށްފައިވެއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ކަނޑައަޅައިދިނުމަށާއި އެ ޖަރީމާ ހުއްޓުވައިދިނުމަށް އެދި ދެކުނު އެފްރިކާއިން ވަނީ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓަށް މިދިޔަ އަހަރު ދައުވާވެސް ހުށަހަޅައިފައެވެ.

ތުރުކީ، ބްރަޒީލް އީރާން ނިކަރާގުއާ އަދި ކޮލަންބިއާ ފަދަ ގައުމުތަކުން ވަނީ ނަތަންޔާހޫ އަކީ ޖަރުމަނުގެ އަނިޔާވެރި ނާޒީ ޒައީމް އެޑޮލްފް ހިޓްލަރާ އެއްވަރުގެ މުޖްރިމެއްކަމަށް ސިފަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު