މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރީ އޭޝިއާއަށް

ޕާކިސްތާނުގެ މިިދޔަ ހަފްތާ ހިނގި ފެންބޮޑުވުމުގެ ހާދިސާގައި، ޕާކެއްގެ ތެރޭގައި މީހަކު އިށީދެގެން -- ފޮޓޯ/އަލް ޖަޒީރާ

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ފެނާ ގުޅުންހުރި ނުރައްކާތަކުގެ އަސަރު މިދިޔަ އަހަރު އެންމެ ބޮޑަށް ކުރި ސަރަހައްދަކީ އޭޝިއާ ކަމަށް އދ.ގެ މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ)އިން އަންގާރަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މިދިޔަ އަހަރު އެންމެ ބޮޑު އަސަރެއް ކުރީ ފެންބޮޑުވުމާއި، ތޫފާންތަކުގެ ސަބަބުންނެވެ.

އެގޮތުން އޭޝިއާ ހޫނުވަމުން އަންނަނީ ދުނިޔޭގެ އެވްރެޖްކޮށް ހޫނުމިން ހުންނަ ވަރަށްވުރެ އަވަހަށް ކަމަށާއި، މިދިޔަ އަހަރު އޭޝިއާގެ ފިނިހޫނުމިން ވަނީ ގާތްގަނޑަކަށް ދެ ޑިގްރީ ސެލްޝިއަސްއަށްވުރެ މަތިވެފައި ކަމަށް ޑަބްލިއުއެމްއޯއިން ބުނެއެވެ.

"އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުން ރިކޯޑް ކުރެވިފައިވާ އެންމެ ހޫނު އަހަރު ތަޖުރިބާކުރީ 2023 ވަނަ އަހަރު، ހަނަފަސްވުމުން ފެށިގެން އުދައެރުމާއި ތޫފާންތައް ވެސް ވަރަށް ގިނަވި،" ޑަބްލިއުއެމްއޯގެ ވެރިޔާ ސެލެސްޓޭ ސައުލޯ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އެ އިދާރާއިން ބުނީ ފެނާއި ގުޅުންހުރި މޫސުމީ ނުރައްކާތަކުގެ 79 ކާރިސާއެއް މިދިޔަ އަހަރު އޭޝިއާގައި ހިނގައިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 80 އިންސައްތައަކީ އުދައެރުމާއި ތޫފާންތައް ކަމަށާއި، އެ ހާދިސާތަކުގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވެ، ނުވަ މިލިއަން މީހުންނަށް ސީދާ އަސަރުކޮށްފައިވެއެވެ.

ޑަބްލިއުއެމްއޯގެ ރިޕޯޓް އާންމުކޮށްފައިވަނީ ފާއިތުވި ހަފުތާތަކުގައި އޭޝިއާގެ ގިނަ ގައުމުތަކަކަށް ފެންބޮޑުވުމުގެ ބޮޑެތި ހާދިސާތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޗައިނާގެ ދެކުނުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަންގާރަ ދުވަހު އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އެ ހާދިސާގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. އޭގެ އިތުރުން، އަފްޣާނިސްތާނާއި ޕާކިސްތާނުގައި ވެސް ފެންބޮޑުވުމުގެ ސަބަބުން މިދިޔަ ހަފުތާގައި ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވެއެވެ.

comment ކޮމެންޓް