ރަން ފަށަކާއި ފައިސާތަކެއް ހިމެނޭހެން ގިނަ އަދަދެއްގެ ތަކެތީގެ ވެރިން ހޯދަނީ

ފެބްރުއަރީ 15، 2021: ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަން ފަށަކާއި ފައިސާ ތަކެއް ހިމެނޭހެން ފުލުހުން ގިނަ އެއްޗެހިތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މި ތަކެތީގެ ތެރޭގައި ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ހިމެނޭ ކަމަށެވެ.

އެގޮތުން ފުލުހުންގެ ތަފާތު ހަތަރު ސްޓޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ތަކެތި އެބަހުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ ގޮތުން މާފަންނު ޕޮލިސް ސްޓޭޝަނަަށް ބަލާއިރު، މާޗު 16ވަނަ ދުވަހު އިއްޒުއްދީން މަގުން ހޮވައިގެން ގެނެސްފައިވާ ސިމެންތި ބަސްތާތަކަކާއި، މާރިޗު 31ވަނަ ދުވަހު ޓީޖެޓީ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަގަނޑުތަކެއްގެ އިތުރުން އެޕްރީލް ހަތަރުވަނަ ދުވަހު މ. ސަމަންދަރުގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މައިލޯ ދަޅު ކޭހެއް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިލައްވައެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުގައި އެޕްރީލް ދެވަނަ ދުވަހު އެކުވެނި ޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ 3،000 ރުފިޔާއާއި ބީއެމްއެލް ކާޑެއް ހިމެނޭ ވޮލެޓަކާއި (އިންސިޑެންޓް ނަންބަރު 593273)، އެޕްރީލް 17ވަނަ ދުވަހު ޗާންދަނީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ، ކާރު ބެޓެރިއެއް (އިންސިޑެންޓް ނަންބަރު 594831) އެބަހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ތަކެތީގެ ވެރިފަރާތްތަކުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުުހުން އެދެއެވެ.

އަދި ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ހުރި ތަކެތީގެ ތެރޭގައި މާރިޗު 30 ވަނަ ދުވަހު ސައުދީ އެމްބަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަން ބްރޭންޑުގެ މޯބައިލް ފޯނަކާއި (އިންސިޑެންޓް ނަންބަރު 592935)، އެޕްރީލް ހަތްވަނަ ދުވަހު އެއް ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ އެޕަލް ވޮޗް ސީރީސް 2 (42އެމްއެމް) ގަޑިއެއްް ( އިންސިޑެންޓް ނަންބަރު 593769) ހިމެނެއެވެ.

އަދި އެޕްރީލް 9 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބީއެމްއެލް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާގެ (އިންސިޑެންޓް ނަންބަރު 594014) އިތުރުން، އެޕްރީލް 15ވަނަ ދުވަހު އެއް ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ ވަޔަލެސް ސްޕީކަރެއް( އިންސިޑެންޓް ނަންބަރު 594655) ވެސް އެ ސްޓޭޝަނުގައި އެބަހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މި ތަކެތީގެ ވެރިފަރާތުން 9400053 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އަދި ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގައި ހުރި ތަކެތީގެ ތެރޭގައި، މާޗު 14ވަނަ ދުވަހު އެޗް-5 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރުތަކަކާއި(އިންސިޑެންޓް ނަންބަރު 591053)، މާރިޗު 21 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ރަން ފަށަކާއި (އިންސިޑެންޓް ނަންބަރު 591857)، މާރިޗު 22ވަނަ ދުވަހު އެޗް12 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އައިފޯނެއްގެ (އިންސިޑެންޓް ނަންބަރު 592047) އިތުރުން، އެޕްރީލް ތިންވަނަ ދުވަހު އެޗް-3 ކައިރިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ (އިންސިޑެންޓް ނަންބަރު 593312) ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދިމި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރަން ވެސް ފުލުހުން އެދެއެވެ.

އަދި ތަކެތި ބަލައި ޕޮލިސް ސްޓޭޝަނަށް ދާއިރު ކާކުކަން އެނގޭނެ ލިޔުމަކާއެކު އެ ތަކެއްޗެއް އޮތް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވާން ވެސް ފުލުހުން އެދެއެވެ.

comment ކޮމެންޓް