ނުވަ އަހަރު ފަހުން އީރާނުން އުމްރާގެ އަޅުކަމަށް

ހައްޖުވެރިން އަޅުކަމުގައި. ނުވަ އަހަރަށްފަހު އީރާނުން އުމްރާގެ އަޅުކަމަށް ފުރައިފައިވަނީ ހޯމަ ދުވަހު. ފޮޓޯ/އިންގްލިޝް އަރަބިޔާ

ގާތްގަޑަކަށް ނުވަ އަހަރަށްވުރެ ގިނަ ދުވަސް ފަހުން އީރާނުގެ ފުރަތަމަ އުމްރާވެރިންގެ ގްރޫޕް ސައުދީއަރަބިޔާއަށް ފުރައިފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ އައިއާރްއެންއޭ އިން ބުނީ އުމްރާވެރިން ފުރައިފައި ވަނީ ތެހެރާންގެ އިމާމް ޚާމިނީ އެއާޕޯޓުންނެވެ.

އެ މީހުންނަކީ ނުވަ އަހަރަށްވުރެ ގިނަ ދުވަހަށްފަހު، މިދިޔަ އަހަރު ޗައިނާ މެދުވެރިކޮށް ދެ ގައުމުގެ ދެމެދުގައި އަލުން ގުޅުން ގާއިމުކޮށް އެމްބަސީތައް ހުޅުވުމަށްފަހު، އީރާނުން އުމްރާގެ އަޅުކަމަށް ފުރި ފުރަތަމަ ގްރޫޕެވެ.

އީރާނުގެ ރައްޔިތުން ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ މިދިޔަ އަހަރު ދީފައިއޮތް ނަމަވެސް، އުމުރާގެ އަޅުކަމަށް ދިއުމަށް މިހާތަނަށް ވެސް ހުއްދަ ދީފައެއްނުވެއެވެ.

އައިއާރްއެންއޭ އިން ބުނީ މި އަހަރު އީރާނުގެ އުމްރާވެރިންގެ ތެރެއިން ޖުމްލަ 5،720 މީހުން ސައުދީ އަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ފާއިތުވި ދުވަސްތަކުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އުމްރާއަށް ދެވޭނެ ކަމަށް ސައުދީން ބުނެފައި އޮތް ނަމަވެސް ޓެކްނިކަލް މައްސަލަތަކާ ހުރެ އެ ކަން ތަކުރާރުކޮށް ލަސްވެފައިވާ ކަމަށް އައިއާއެންއޭއިން ބުނެއެވެ.

ސައުދީ އަރަބިއްޔާއިން އީރާނާ ގުޅުން ކަނޑާލީ ތެހެރާނުގައި ހުންނަ އެގައުމުގެ އެމްބަސީ އާއި މަޝްހާދުގައި ހުންނަ ކޮންސިއުލޭޓަށް ދިން ހަމަލާއަކާ ގުޅިގެން 2016 ވަނަ އަހަރުއެވެ.

comment ކޮމެންޓް