ވެރިކަމާ ހަވާލުވެ ކަން ކުރަނީ ގަބޫލުކުރި އަސާސްތަކާ މުޅިން ޚިލާފަށް: ޔާމީން

ހައިކޯޓުން ރައީސް ޔާމީން ނިކުމެވަޑައިގަންނަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ސަރުކާރުން ވެރިކަމާ ހަވާލުވެ ކަން ކުރަމުން އަންނަނީ ޕީޕީއެމުން ގަބޫލުކުރި އަސާސްތަކާ މުޅިން ޚިލާފަށް ކަމަށާއި އެއީ ވަކި ޕާޓީއެއް އުފައްދަވައިގެން މިއަދު ނުކުމެވަޑައިގެން ހުންނެވި ސަބަބުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެއެވެ.

ހުކުމުން މިނިވަންވެ ވަޑައިގަތުމަށްފަހު އެ މަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް މިރޭ ވަނީ ޕީއެންއެފް އޮފީހަށް ވަޑައިގެންފައެވެ. އޭގެ ކުރިން ހައިކޯޓު ސަރަހައްދުގައި ވެސް ރައީސް ޔާމީންވަނީ މީޑިއާތަކާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ހުރިހާ ކަމެއް ބައްޓަންވަމުން އަންނަނީ ޕީޕީއެމްގެ އަސާސްތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ތައުލީމީ އެއްވެސް ގާބިލްކަމެއް ނެތް ގިނަ ބަޔަކަށް ވަޒީފާ ދިނުމާއި، ސިޔާސީ މަގާމުތައް އިންތިހާއަށް އެއްވެސް ބެލުމެއްނެތި އުފެއްދުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ހައިކޯޓުން ރައީސް ޔާމީން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

"އެ އެއްޗެހި މުޅިން ނަގައިލީ މި ސަރުކާރުން އައިސް،" ޔާމީން ވިދާޅުވިއެވެ.

ހަމައެއާއެކު އިންޑިއާއާއެކު ވެފައިވާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަކުރުމާއި، ކުރީ ސަރުކާރުން "އިންޑިއާ އައުޓް" ހުއްޓުވަން ނެރުނު ގަރާރު ބާތިލުކުރަން ފަސްޖެހުމާއި އަދިވެސް އެ ގަރާރު ދިފާއުކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު އަޒުލުކުރަން ކުރާ އެއްވެސް ކަމަކަށް ޕީއެންއެފުން ތާއީދުނުކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެކަމަކު ރައްޔިތުންނަށް ގެއްލޭ ބޮޑެތި މަސްލަހަތުތަކާއި ދައުލަތުގެ މުދަލަށް ނާއިންސާފުކޮށް ކަންތައް ކުރުމާ ކުރުމާ، މި ކަހަލަ ކަންކަމަށް އަޅުގަނޑުމެން ވަރަށް ފާމްވާނެ،" ޔާމީން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބާ ގުޅުވައި ސަރުކާރަށް މުޅި މަޖިލިސް ދޭން ޖެހޭތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ ބާރުތައް ލިބުމާއެކު ކޮންމެ މީހެއްގެ ވިސްނުމަށް ވެސް ބަދަލު އަންނާނެކަމަށެވެ.

"މީހަކު އޭނާއަށް އާރާއި ބާރާ ލިބުމާއި، ފައިސާގެ ތަނަވަސްކަން އިންތިހާއަށް ލިބުނީމާ އެ މީހަކު ބަދަލުވާނެ ގޮތެއް ހަމަ ﷲ އަށް އެނގެވޮޑިގެންވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެ މަނިކުފާނުގެ މައުސޫމްކަން ގަބޫލުކުރީތީ އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ޝުކުރު އަދައިކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ އިސްތިއުނާފީ މަރުހަލާ ލަސްވުމުގެ ސަބަބުން ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމަކީ އެ މަނިކުފާނު ދެރަފުޅުވެވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ.

އެހެންނަމަވެސް އެ މަނިކުފާނަށް ތާއީދުކުރި އާންމު ރައްޔިތުންގެ ހައްގުތަކަށް ވާނީ ކިހިނެއްތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ އަވަސްކުރަން އެންގެން އޮތްކަމަށާއި އެ ކަން ކުރިނަމަ މިހާ ބޮޑު ގެއްލުމެއް ނުލިބުނީސްކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް