ކުރިއަށް އޮތް 5 އަހަރު، މީދޫ ދާއިރާގެ ގުދުރަތީ ވަސީލަތްތަކުން އާމްދަނީ ނެރެދޭނަން: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ބަނޑިދޫގައި -- ސަން ފޮޓޯ/ އަމަން ލަތީފް

މުޅި މީދޫ ދާއިރާގެ ރައްޔިތުންނަކީ އިގްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތް ފަސް އަހަރުގެ އެންމެ އިސް އަމާޒަކީ ދާއިރާގެ ބިން ފަދަ ގުދުރަތީ ވަސީލަތްތަކުން އާމްދަނީ ނެރެދިނުން ކަމަށާއި، އެ ކަން ކޮށްދެއްވައި ފުދުންތެރިކަން ގާއިމްކޮށްދެއްވާނެކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ އިތުރު ދައުރަކަށް ވާދަކުރައްވަމުން އަންނަ، މިހާރުގެ މެމްބަރު، އަދި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިހާރު މީދޫ ދާއިރާގައި ސިޔާމް ކުރައްވަމުން އަންނަ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު އެ މަނިކުފާނު ވަޑައިގަތީ ދ. ބަނޑިދޫއަށެވެ.

އެ ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ އެ މަނިކުފާނު އުންމީދުކުރައްވަނީ ރައްޔިތުންގެ ދިރިއުޅުން އުފާވެރިވެ، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅޭތަން ދުށުމަށް ކަމަށެވެ. އެއީ މީގެ 20 އަހަރު ކުރިން ވެސް އެ މަނިކުފާނު ގެންގުޅުއްވި ވިސްނުންފުޅާއި ތަސައްވުރުކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު ބަނޑިދޫގައި -- ސަން ފޮޓޯ/ އަމަން ލަތީފް

"އަޅުގަނޑުގެ ވިސްނުން ހުރީ ފުރަތަމަ އިންސާނުން ތަރައްގީކުރެވޭނީ ތައުލީމެއް ތަމްރީނެއް ދެވިގެންކަން،" އެއީ މި ރަށުގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް އިސްނެންގެވި ސަބަބުކަން ފާހަގަކުރައްވައި ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާރު ވިސްނުން ބައްޓަންވެފައި ހުންނަންވާނީ ހަމައެކަނި އަސާސީ ޚިދުމަތްތައް އެކަނި ގާއިމްކޮށްފައި ހުރުމަށް އެކަނި ނޫންކަމަށެވެ.

އެއާއެކު މުޅި އަތޮޅުން ނިކަމެތިކަމާއި ފަގީރުކަން ނައްތައިލުމުގެ އަމާޒަށް ވާސިލްވުން މުހިންމު ކަމަށާއި، އެއީ އޯގާތެރި ހިތެއްގެ ވެރި މީހަކަށާއި، އެ ކަން ކުރަން ދަންނަ، ތަޖުރިބާހުރި މީހަކަށް ކުރެވޭނެ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވޭ ތި ހުރިހާ ރައްޔިތުންގެ އެއްބާރުލުން. މި މަޖިލިސް ނިމުމާއެކު އަޅުގަނޑު ބޭނުންވޭ ހުރިހާ ރަށެއްގެ ކައުންސިލްތައް ވެސް. އެ ކީއްކުރަންތޯ. އަޅުގަނޑު ބޭނުންވެގެންނެއް ނޫން. ތިޔަ ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް ޓަކައި،" ސިޔާމް ވިދާޅުވިއެވެ.

އެއާއެކު ސިޔާމް ވިދާޅުވީ، ދާއިރާގެ ރަށްތަކުގެ ގުުދުރަތީ ވަސީލަތްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ މަގުފަހިކޮށް، އެއީ ފައިސާ ލިބޭނެ ވަސީލަތްތަކެއްގެ ގޮތުގައި ހައްދަވައިދެއްވާނެ ކަމަށެވެ.

އެއާއެކު ރަށުގައި ތިބެ، މުޅި މުޖުތަމައުއަށް އާމްދަނީ ހޯދާނެ ވަސީލަތްތައް ފަހިވާނެކަމަށް ވިދާޅުވިއެވެ.

އަދި އެ މަނިކުފާނު އެންމެ ލޯބިވާ އަތޮޅަކީ ދ. އަތޮޅު ކަމަށާއި، މި ދާއިރާ ތަރައްގީކުރުމުގެ ވިސްނުންފުޅު އަބަދު ވެސް ގެންގުޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް