ޔާމީންގެ މައްސަލައިގައި ހިމެނޭ ޔޫސުފް ނައީމް މިނިވަންކޮށް، މައްސަލަ އަލުން ބަލަން އަމުރުކޮށްފި

ޔޫސުފް ނައީމް-- ފޮޓޯ: މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ދަށު ކޯޓުން ހުކުމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލުކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ނެގުމުގައި ޔާމީނަށް ރިޝްވަތުދެއްވި ކަމަށް ބުނެ އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޑިސެމްބަރު 25، 2022 ގައި ވަނީ ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހުގައި މިއަދު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް، ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްފައެވެ.

ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ހަތަރު އިސްތިއުނާފީ ނުކުތާއަށް ވެސް ހައިކޯޓުގެ ފަނޑިޔާރުން ވަނީ ތާއީދުކޮށްފައެވެ. އެގޮތުން، ދަށު ކޯޓުގެ ހުކުމަކީ ގާނޫނީ އިމުގެ ބޭރުންކޮށްފައިވާ ހުކުމެއް ކަމަށް ވެސް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ފާހަގަކުރައްވާފައިވެއެވެ.

އެ މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކޮށް ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވެފައިވަނީ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ތަހުވީލުކުރާށެވެ. އެހެންވެ، އެ މައްސަލަ ދަށު ކޯޓުގައި އަލުން ބަލަން ޖެހޭނެއެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ގާނޫނުލްއުގޫބާތުގައި ރިޝްވަތުކަމަށް ބުނެފައިވަނީ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްގައި ހުއްދަ ނޫން މަންފާއެއް ހޯދައިދިނުން ކަމަށްވާއިރު، ރަށްތަކެއް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ހައިސިއްޔަތާ ގުޅޭ ކަމެއްކަން ދަށު ކޯޓުން ބަޔާންކޮށްދީފައިނުވެއެވެ.

އެހެންވެ، ޔޫސުފް ނައީމް ރިޝްވަތުގެ ގޮތުގައި ޔާމީނަށް ދިން ކަމަށް ބުނި އެއް މިލިއަން ޑޮލަރަކީ ރިޝްވަތު ކަމަށް އެކަށިގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް އެނގެން ނެތް ކަމަށް ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން، އަދަބު ކަނޑައެޅުމުގައާއި ހެކި ބަލައިގަތުމުގައި ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ. އެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ދަށު ކޯޓުން ކުރި ހުކުމުގައި ގިނަ ކަންތައްތަކަކަށް ގޮތް ނިންމާފައެއް ނުވެއެވެ. އެހެންވެ، އެ މައްސަލަ އަލުން ބަލަން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް