ކުރީ ސަރުކާރުން ކަނޑައަޅައިފައިވާ ފުލެޓު ލިސްޓު މުތާލިއާ ކުރަން ޖެހޭ: ހައިދަރު

ހިޔާ ޓަވަރުގައި އިތުރު ދެ ލިފްޓު ހަރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ވާހަކަ ދައްކަވަނީ -- ސަންފޮޓޯ/ މޫސާ ނަދީމް

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން މިހާރު އިމާރާތް ކުރަމުންދާ 4000 ފުލެޓުތައް ލިބޭނެ މީހުން ހޮވައި އެކުލަވާލާފައިވާ ލިސްޓުތައް މުތާލިއާ ކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ ލިސްޓުތަކަކީ ކުރީ ސަރުކާރުން ކަނޑައަޅައިފައި ހުރި ޝަރުތުތަކަށް ފެތޭ ލިސްޓުތަކެއް ތޯ ޔަގީން ކުރަން ޖެހޭ ކަމަށެވެ.

"ކުރީ ސަރުކާރުން ޝަރުތުތަކާއި އުސޫލުތައް ކަނޑައަޅައިފައި އޮތީ، އެހެން ނަމަވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މި މަސައްކަތް ކުރެވިފައި މިވަނީއެއް އެންމެ ރަނގަޅަކަށް ނޫން، ކުރީ ސަރުކާރުން ލިސްޓުތަށް އެކުލަވައިލައިފައި ވަނީ،" ހައިދަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޝަރުތު ހަމަ ނުވެގެން ވަކިވާ މީހުންނަށްވެސް ސަރުކާރުން ކުރިއަށްގެންދާ އެހެން ހައުސިން މަޝްރޫތަކުން ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ މި ސަރުކާރުގެ މަގުސަދަކީ ހުރިހާ ރައްޔިތުންނަށް އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ޔަގީން ކޮށްދިނުން،" ހައިދަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއްވެސް ކަމަކަށް ސަރުކާރުގެ ނުފޫޒެއް ނުވަންނާނެ ކަމަށާއި އެ ލިސްޓުތައް ބަލާނީ، މިހާރު އެކުލަވައިލައިފައިވާ މިނިވަން މުސްތަގިއްލު ކޮމިޓީން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އެއް ވައުދު ކަމަށެވެ. އަދި މި ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ފުރިހަމަ ކުރަމުން އަންނަ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.

އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު ފެބްރުއަރީ މަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

އެ ހުއްދަ ދިން ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް