ހުޅުމާލޭގައި އިތުރު ދެ މިސްކިތް އަޅަން ބިން ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އިސްލާމިލް މިނިސްޓްރީ

ހުޅާމެލެގައި އިތުރު ދެ މިސްކިތެއް ބިނާކުރަން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިސްލާމިކް މިނިސްޓްރީއަށް މިއަދު ބިން ހަވާލުކޮށްފިއެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރާ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

އެޗްޑީސީން ބުނީ މިސްކިތް ބިނާކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ އިސްލާމިލް މިނިސްޓްރީ

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހިން މިސްކިތް އެޅުމަށް ދޫކުރީ 27،920 އަކަފޫޓުގެ ބިމެކެވެ. ތިންވަނަ ފިޔަވަހިން ދޫކުރީ 21،952 އަކަފޫޓުގެ ބިމެކެވެ.

ނަމަވެސް މިސްކިތް އަޅަން ފަށާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާކުރި ދާއިމީ މިސްކިތެއް އިސްލާމިކް މިނިސްޓްރީން ހުޅުވާފައިވާއިރު ރޯދަމަހާ ދިމާކޮށް އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ވެސް ހުޅުވާފައެވެ.

comment ކޮމެންޓް