ފީވަކަށް ކުރި ވިއްސާރައިގައި ގެއްލުންވެ، 12 މީހަކު ވަގުތީ ހިޔަލަށް

ފީވަކުގެ ގެއެއް ކައިރީ ވެލި ބަސްތާ ޖެހުމުގައި މީހަކު ހަރަކާތްތެރި ވަނީ: އެ ރަށުގެ 20 ގެއަކަށް ވިއްސާރައިގައި ގެއްލުންވި --- ފޮޓޯ/އެންޑީއެމްއޭ

މިދިޔަ ހޮނިހިރު ދުވަހު ކުރި ވިއްސާރައިގައި ގެއްލުންވެ ފީވަކުން 12 މީހަކު ވަގުތީ ހިޔަލަށް ގެންގޮސްފިއެވެ.

މިކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން ފީވަކު ކައުންސިލުގެ ނައިބު ރައީސް އަހުމަދު މަނިކު ވިދާޅުވީ، ވަގުތީ ހިޔަލަށް ގެންދިޔަ 12 މީހުންނަކީ އެއް ގެއެއްގެ 12 މީހުން ކަމަށެވެ.

އެގެއިން މީހުން އެހެން ތަނަކަށް ބަދަލު ކޮށްފައިވަނީ ގެޔަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން ދިރިއުޅެން ދަތިވުމުގެ ސަބަބުންކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

އިތުރަށް އޭނާ ވިދާޅުވީ ވަގުތީ ހިޔަލަށް ބަދަލު ކުރި 12 މީހުން ފިޔަވައި އިތުރު ބަޔަކު އެހެން ތަނަކަށް ބަދަލު ކޮށްފައި ނުވާ ކަމަށެވެ.

އަދި ހަމަ އެ ދުވަހު ޕަންޕުތަކުގެ އެހީގައި ފެން ހިއްކައި ފެންގަނޑު ކޮންޓްރޯލް ކުރެވިފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި މިހާރު ގެއްލުންވި ގެތައް ވެސް ހަމައަކަށް އެޅިފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ހޮނިހިރު ދުވަހު ކުރި ވިއްސާރައިގައި އެ ރަށުގެ 20 ގެޔަކަށް ގެއްލުންވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ. އަދި އެ އަތޮޅު ފޯކައިދުގެ ތިން ގެޔަކަށް ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވާއިރު އެ ދުވަހު ކުރި ވިއްސާރައިގައި މާލޭގެ 132 ގެޔަކަށް ވަނީ ގެއްލުން ވެފައެވެ.

މީގެ އިތުރުން ތ. ހިރިލަންދޫއާއި ތ. ވަންދޫއަށް ބޯކޮށް ވާރެވެހިގެން ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ވަންދޫގެ އެއް ގެއަށް ވިއްސާރައިގައި ގެއްލުންވި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ދޭތެރެދޭތެރެއިން ކުރާ ގަދަ ވިއްސާރައާ އެކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގެތަކަށް ފެން ވަނުމަކީ ހިނގާކަމެކެވެ. މީގެ ސަބަބުން ބައެއް ގެތަކުގައި މީހުން ދިރިއުޅެން ދަތިވާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.

comment ކޮމެންޓް