އައްޑޫ ސިޓީއަށް އިއްޔެ ކުރި ވިއްސާރައިގައި އެ ސިޓީ ފޭދޫގެ ގިނަ ގެތަކެއްގައި ފެން ބޮޑުވެ ގެއްލުންތައް ލިބުނުއިރު، އޭގެ ތެރެއިން ދެ ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށް، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ މި ހާދިސާގައި ފޭދޫގެ 40 އަށްވުރެ ގިނަ ގޭގެއަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އެކަމުގެ ސަބަބުން ފަސް ގެއަކުން މީހުން ހުސްކުރަންޖެހުނު ކަމަށާއި އޭގެ ތެރެއިން ދެ ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ގެންދިޔައިރު އެހެން ގޭގޭ މީހުން ބަދަލުވީ އާއިލާ ގެތަކަށް ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން ފޭދު މާދެލަ ދާއިރާގެ ކައުންސިލަރު މުޙައްމަދު ފައިސަލް އިއްޔެ ވިދާޅުވީ ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ގޭބީސީތަކަށް ފެން ވަދެ، އެކި ވަރުގެ ގެއްލުންތައް ލިބުނު ކަމަށެވެ.
ލިބުނު ގެއްލުންތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މެދު ރާއްޖެ ތެރެއާއި ދެކުނު ހިމެނެއެވެ.