ރޫޑާއި ސިޓްސިޕާސް މޮންޓެ ކާލޯ މާސްޓާސްގެ ފައިނަލަށް

ރޫޑް، ޖޯކޮވިޗް ބަލިކުރީ ދެ ސެޓް އެއް ސެޓުން -- ފޮޓޯ/ ދި ސަކޯ ޑޮޓް ކޮމް

މޮންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން ކެސްޕާ ރޫޑާއި ސްޓެފަނޯސް ސިޓްސިޕާސް ޖާގަހޯދައިފިއެވެ.

މުބާރާތުގެ ފައިނަލުން އަށްވަނައަށް ސީޑުކުރެވިފައިވާ ނޯވޭގެ ރޫޑް ޖާގަ ހޯދާފައިވަނީ ސެމީފައިނަލްގައި މި މުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ނޯވަކް ޖޯކޮވިޗް ބަލިކޮށްގެންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗު އޭނާ ކާމިޔާބުކޮށްފައިވަނީ ދެ ސެޓް އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 6-4އިން ރޫޑް ކާމިޔާބުކުރިއިރު ދެވަނަ ސެޓު ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު 1-6 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި ދެއްކި ކުޅުން ޖޯކޮވިޗަށް ތިންވަނަ ސެޓުގައި ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ. މި ސެޓު ރޫޑް ކާމިޔާބުކޮށްފައިވަނީ 6-4 އިންނެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޖޯކޮވިޗް ބުނީ، މިއީ އޭނާއަށް އެހާ ރަނގަޅު ސީޒަނެއް ނޫން ކަމަށެވެ. އުމުރުން 36 އަހަރުގެ ދުނިޔޭގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ޖޯކޮވިޗް އަދިވެސް މަސައްކަތްކުރަމުން އަންނަނީ ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބުކުރުމަށެވެ. މިއީ ވޭތުވެދިޔަ 15 އަހަރަށް ބަލާއިރު ޖޯކޮވިޗަށް އާދަޔާހިލާފު ކަމެކެވެ.

ޖޯކޮވިޗް ބުނީ މި މުބާރާތުގައި ވެސް ރަނގަޅު ކަންތައްތަކެއް ހާސިލުވެގެންދިޔަ ކަމަށެވެ. ޖޯކޮވިޗް ވާދަކުރާ ކޮންމެ މުބާރާތެއް ވެސް އޭނާ ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައިވީ ނަމަވެސް އެކަން މި ސީޒަންގައި ވަމުން ނުދާތީ އެކަމުގެ ހިތްހަމަނުޖެހުން އޭނާގެ ފަރާތުން ފެނިގެންދިޔައެވެ.

މުބާރާތުގެ ފައިނަލްގައި ރޫޑް ވާދަކުރާނީ މީގެ ކުރިން މި މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ސިޓްސިޕާސްއާއެވެ. ބާރަވަނައަށް ސީޑު ކުރެވިފައިވާ ގްރީސްއަށް ނިސްބަތްވާ ސިޓްސިޕާސް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ދެވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނާއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ސިޓްސިޕާސް ކާމިޔާބުކޮށްފައިވަނީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 6-4 އިން ސިޓްސިޕާސް ކާމިޔާބުކުރިއިރު ދެވަނަ ސެޓު ސިނާ ވަނީ 3-6 އިން ކާމިޔާބުކޮށް ތިންވަނަ ސެޓަކަށް މެޗު ގެންގޮސްފައެވެ. މެޗުގެ އޮއިވަރު ސިޓްސިޕާސް ކޮޅަށް އެނބުރިގެން ދިޔައީ ތިންވަނަ ސެޓުގައި ސިނާ ތިން ގޭމް އެއް ގޭމުން ކުރީގައި އޮވެ ޑަބަލް ބްރޭކެއް ހޯދުމާ ގާތަށް ގޮސްފައިވަނިކޮށް ލައިން ޖަޖަކަށް އޮޅިގެން ސިނާއާ އެއްކޮޅަށް ނިންމަންޖެހޭ ނިންމުމެއް ގޯސްކޮށް ނިންމި ހިސާބުންނެވެ.

ސިޓްސިޕާސް އަތުން ބޭރުވި ބޯޅައެއް ލައިން ޖަޖަށް ބޭރުކަމަށް ނުބުނެވުނުއިރު އެކަން ރިވިއުކުރުމުގެ ކުރިން ސިނާ އަލުން ކުޅުމުން އެކަން ވާގޮތް ނުވީއެވެ. އެހެން ނޫންނަމަ އޭނާ އޮންނާނީ ތިންވަނަ ސެޓުގައި ހަތަރު ގޭމް އެއް ގޭމުން ކުރީގައެވެ.

މި ނިންމުން ސިނާއަށް އަރައިނުގަނެވި ސިޓްސިޕާސް ވަނީ ޖެހިގެން އައި ހަތަރު ގޭމް ކާމިޔާބުކޮށް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. މިއީ މުޅި ސީޒަންގައި ވެސް ސިނާ ބަލިވި ދެވަނަ މެޗެވެ.

comment ކޮމެންޓް