އުފާފާޅު ކުރުމުގެ ތެރެއިން ވެސް ފަލަސްތީނު ރައްޔިތުން މަތިން ހަނދާން ނައްތާނުލާތި: އީދު ޚުތުބާ

މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1442ވަނަ އަހަރުގެ އަޟްހާ އީދު ނަމާދުގެ ތެރެއިން: ފަަލަސްތީނު ރައްޔިތުން މަތިން ހަނދާން ނައްތާ ނުލުމަށް އެދުނު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިޠުރު އީދުގެ މި އުފާވެރި މުނާސަބަތުގައި، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހަދިޔާ ބަދަލުކޮށް، ކުޅިވަރާއި އުފާފާޅުކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުން މަތިން ހަނދާން ނައްތާނުލުމަށް އީދު ޚުތުބާގައި އެދެފިއެވެ.

އީދު ނަމާދަށް ފަހު އީދު ދުވަހުގެ މުނާސަބަތުގައި ކިޔާ ޚުތުބާގައި ބުނީ، މާތްވެގެންވާ އަލްމަސްޖިލުން އަޤްޞާ އާއި ފަލަސްޠީނުގެ ބަރަކާތްތެރި ފަސްގަނޑު ހިމާޔާތް ކުރުމުގައި އެ ރައްޔިތުން ރަމަޟާން މަހު ވެސް ޖިހާދު ކުރިކަމަށެވެ. އަދި އުޅެމުން ދިޔައީ ރޯދަ ވީއްލާ، ހާރު ކެއުމަށް، ކާނެ އެއްޗެއް ބޯނެ އެއްޗެއް ލިބިގެން ނުވާ ހާލުގައި ކަމަށެވެ.

"އެ މީހުން ރޭއަޅުކަން ކުރަމުން ގެންދިޔައީ ސިހިޔޫނީންގެ އަނިޔާވެރި ހަމަލާތަކުން ސުންނާފަތި ކޮށްލާފައިވާ ބިނާރުތަކާއި، ހިރަފުސްތަކުގެ ތެރޭގައި. މި ހާލަތުގައި ވެސް އެ އަޚުންނާއި އުޚުތުންގެ ކިބައިން ފެނިގެން ދިޔައީ ﷲގެ މިންވަރުފުޅަށް ރުހިގެންވުމާއި، ނުގުޑާ ފަދަ ވަރުގަދަ އީމާންކަން،" ޚުތުބާގައި ބުންޏެވެ.

ރަމަޟާން މަހުން އަހަރެމެންނަށް ދަސްވި ފިލާވަޅުތަކުގެ ފައިދާ ލިބިގަތުމަށް ގޮވާލާ ޚުތުބާގައި ނަސޭހަތްތެރިވީ ފިތުރު އީދު ދުވަހު އެކަމަށް އަޒުމް ކަނޑައެޅުމަށެވެ.

"މަސްދުވަހުގެ ތަމްރީނަކަށްފަހު، ރޯދައިގެ ތަރުބަވީ މަދަރުސާއިން އަހަރެމެން ނިކުތްއިރު، އަހަރެމެންގެ އީމާންކަން މިވަނީ އިތުރު ވެފައި. ހެޔޮ ކަންކަން ކުރުމަށް ނަފްސު އާދަވެ، އެކަން މިވަނީ ފަސޭހަ ވެފައި،" އީމާންކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެ ޚުތުބާގައި ބުންޏެވެ.

އީދު ދުވަހު މުސްލިމުން އުފާ ފާޅުކުރުމަކީ އެދެވިގެންވާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެކަން ކުރަން ވާނީ ހައްދުފަހަނަ އަޅާ ދިއުމެއް ނެތި ކަމަށެވެ.

ކޮންމެ އުންމަތެއްގެ އީދަކީ ވެސް އެ އުންމަތެއް ރަމްޒުކޮށްދޭ އަލަމާތެއް ކަމަށާއި އެންމެ މުހިންމު ކަމެއް ދޭންވީ އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމަށް ކަމަށް ޚުތުބާގައި ބުންޏެވެ.

އެގޮތުން، އީދަކީ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ބައެއްގެ އިޖުތިމާއީ ފޭރާން ވަރުގަދަ ކުރުމަކީ އެ މުޖުތަމައުއަކަށް ފާގަތިކަމާއި އަމަން އަމާންކަން ގެނުވާ ކަމެއް ކަމަށް ވެސް ޚުތުބާގައި ހަނދާން އާކޮށްދިނެވެ.

"ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި އޮތް، އިސްލާމީ އުޚްވަތްތެރިކަމާއި، ރިވެތި އަޚުލާގު ވީރާނާވިޔަ ނުދޭށެވެ،" ޚުތުބާގައި ބުންޏެވެ.

ޒަކާތުގެ މާތްކަމަށް އަލިއަޅުވާ ޚުތުބާގައި ބުނީ، ފިތުރު ޒަކާތައް ރައްކާތެރިވީ ފަދައިން މުދަލު ޒަކާތައް ވެސް ރައްކާތެރި ވާންޖެހޭނެ ކަމަށެވެ. އަދި ﷲ ފަރުޟު ކުރެއްވި ޒަކާތުގެ އިތުރަށް، ގިނަގިނައިން ޞަދަގާތްދީ، މީސްތަކުންނަށް ހެޔޮފޯރުކޮށް ދިނުމަށް ޚުތުބާގައި ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރި ވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް