ކޮންމެ އަހަރަކު ވެސް ސަރުކާރު އޮފީސްތަކަށް ހުޅުވާލައިގެން ދިވެހިބަހުގެ އެކެޑަމީން ބާއްވާ އަތުލިޔުމުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ބާއްވާ އަތު ލިޔުމުގެ މުބާރާތް ބާއްވަނީ ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައެވެ.
މި އަހަރުގެ އަތުލިޔުމުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ދެ ކެޓަގަރީއަކުންނެވެ. އެއީ ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނަ ލިޔުމުގެ ބައެވެ.
އެކެޑަމީން ވިދާޅުވީ ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނައިގެ ބައިގައި އޮފީސްތަކުން ބައިވެރިކުރާ މުވައްޒަފުން، އަތުން ލިޔަންވާނީ އެކެޑަމީން އެ ކަމަށް ޚާއްޞަކޮށް ފޮނުވާ ލިޔުން ކަމަށާއި، އެ ލިޔުން ލިޔަންވާނީ އެކެޑަމީން ދޭ ޚާއްޞަ ކަރުދާހެއްގައި ކަމަށެވެ.
މި މުބާރާތަށް އިންސާފުކުރުމަށް ހަމަޖެހިފައިވަނީ އެކެޑަމީން ކަނޑައަޅާ ފަނޑިޔާރުންގެ ކޮމިޓީއަކުންނެވެ.
މާކްސް ދޭން ހަމަޖެހިފައިވާ ގޮތް
ރީތިކޮށް ތާނަ ލިޔުމުގެ ބައި:
- އަކުރުގެ ބައްޓަމަށް - 15 މާކްސް
- އަކުރުގެ ކުދި ބޮޑުމިނަށް - 15 މާކްސް
- ފިލިތަކުގެ އެއްގޮތްކަމަށް - 10 މާކްސް
- އަކުރުތަކުގެ ދުރުމިން އެއް މިންވަރެއްގައި ހިފެހެއްޓުމަށް - 10 މާކްސް
އަވަސްކޮށް ތާނަ ލިޔުމުގެ ބައި:
- އަކުރުގެ ބައްޓަމަށް - 10 މާކްސް
- އަކުރުގެ ކުދި ބޮޑުމިނަށް - 10 މާކްސް
- ފިލިތަކުގެ އެއްގޮތްކަމަށް - 15 މާކްސް
- އަކުރުތަކުގެ ދުރުމިން އެއް މިންވަރެއްގައި ހިފެހެއްޓުމާއި އެއް އަކުރު އަނެއް އަކުރާ ގުޅުވައިފައި ހުންނަ ގޮތަށް - 15 މާކްސް
މި މުބާރާތުގައި ކޮންމެ އޮފީހަކުން ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މުބާރާތް ބަހާލެވިފައިވާ ދެ ކެޓަގަރީގެ ތެރެއިން ކޮންމެ ބަޔަކުން ވެސް ގިނަވެގެން ފަސް މުވައްޒަފުން ބައިވެރިކުރެވޭނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވިއެވެ.
މި މުބާރާތުގެ ކޮންމެ ބަޔަކުން ވެސް ހޮވުމަށް ހަމަޖެހިފައި އޮތީ އެންމެ ރީތި 10 ލިޔުމެކެވެ. އެއިން ކޮންމެ ލިޔުމަކަށް ދޭން ހަމަޖެހިފައިވަނީ 500 ރުފިޔާގެ ފައިސާގެ އިނާމާއި، ތަށްޓާއި ސެޓްފިކެޓެވެ. އެއްވަނަ އޮފީހަށް ތައްޓާއި ސެޓްފިކެޓާއި އިނާމު ދޭއިރު، ދެވަނަ އަދި ތިންވަނަ އޮފީހަށް ސެޓްފިކެޓާއި އިނާމު ދޭނެކަމަށް އެކެޑަމީން ވިދާޅުވިއެވެ.
އެކެޑަމީން އިތުރަށް ވިދާޅުވީ އޮފީސް ވަނައަކަށް ހޮވޭނީ އެ އޮފީހަކުން މަދުވެގެން ތިން މުވައްޒަފުން ބައިވެރިވާނަމަ ކަމަށެވެ. އެހެން ނަމަވެސް ވަކި ވަކި މުވައްޒަފުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެކެޑަމީން ފާހަގަކުރިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެ އޮފީހަކުން ބައިވެރިކުރުވާ މުވައްޒަފުންގެ މައުލޫމާތާއި، ގުޅޭ ލިޔެކިތުންތައް 25 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން ހުށަޅަންޖެހޭނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވިއެވެ.
ހުށަހަޅާ ކަރުދާސްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައި ކަމަށާއި، އެ ސިޓީ އުރައިގެ ބޭރުގައި އޮފީހެއްގެ ނަމުގެ އިތުރުން، "އޮފީސްތަކުގެ މެދުގައި ބާއްވާ އަތުލިޔުމުގެ މުބާރާތް 2024" ޖަހާފައި އޮންނަންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެ ލިޔުންތައް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ވެސް އޮތީ ހަމަޖައްސައިފައެވެ.
އެކަޑަމީން ވިދާޅުވީ މި މުބާރާތް ބާއްވަނީ ދިވެހިބަހާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމަށާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ މަގުސަދުގައި ކަމަށެވެ.
މިދިޔަ އަހަރު އެ އެކެޑަމީގެ އަތު ލިޔުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެ ގޮތުން ސަރުކާރުގެ 93 އިދާރާއަކުން 354 މީހުން އެ މުބާރާތުގައި ބައިވެރިވިއެވެ.