ގެއްލުމުގެ ބަދަލު ދޭން ސަރުކާރުން 82 މިލިއަން ރުފިޔާ ހޭދަކޮށްފި

މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 82 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 21ވަނަ ދުވަހު އާންމުކޮށްފައިވާ ވީކްލޯ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ގެއްލުމުގެ ބަދަލަށް މި އަހަރު ހިމަނާފައިވަނީ 101 މިލިއަން ރުފިޔާއެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ މި އަހަރު ދިންއިރު، އެއީ 2023ވަނަ އަހަރުގެ މި މުއްދަތުގައި މި ކަމަށް ހޭދަކުރި ޖުމްލަ ފައިސާގެ އަދަދަށްވުރެ 15.8 މިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.

ބަދަލު ދިނުމަށް ދައުލަތުން ބަޖެޓުކުރި 101 މިލިއަން ރުފިޔާގެ ފަސްގުނަ މިދިޔަ އަހަރު ނިމުނުއިރު ވަނީ ހޭދަކޮށްފައެވެ. އެއީ ޖުމްލަ 557 މިލިއަން ރުފިޔާއެވެ.

ސަރުކާރުން ބަދަލުދޭން ޖެހެނީ ސަރުކާރުންވެފައި ހުންނަ އެއްބަސްވުންތައް ގާނޫނާ ޚިލާފަށް ބާތިލުކުރުމުގެ ސަބަބުންނެވެ. މި ކަމަށް ބަޖެޓުކޮށްފައި އޮންނަ އަދަދަށްވުރެ ޚަރަދުކުރާ މިންވަރު ކޮންމެ އަހަރަކު ވެސް އިތުރެވެ.

ސަރުކާރުން ބަދަލުގެ ގޮތުގައި 82 މިލިއަން ރުފިޔާ ދިންއިރު، އެ ފައިސާ ދިނީ ކޮން ބަޔަކަށް ކަމެއް ހާމަކޮށްފައެއް ނެތެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި 16 ނޮވެންބަރު 2023ގެ ނިޔަލަށް ބަދަލުގެ ގޮތުގައި ޖުމްލަ 438.1 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

comment ކޮމެންޓް