ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް

އއ. ރަސްދޫ ----

އއ. ރަސްދޫގައި ރޭ ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރި މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ޓީމެއް އެ ރަށަށް ގޮސްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ފުލުހުންނާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް އެ ރަށަށް ގޮސްފައި ވާކަމަށެވެ.

މި ކުއްޖާއަށް ބުލީކޮށް އަނިޔާކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި އެ ކުއްޖާގައިގައި ތަޅާ އަނިޔާކޮށް ކުއްޖާ ހިފައިގެން ހުރި ފެންފުޅިއެއް ކުއްޖާގެ ބޮލަށް އަޅާލައެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާކުރުން ފަދަ ކަންކަން މުޖުތަމައުގައި ހިންގާ މީހުންނަށް އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅައި އެކަން ޔަގީންކުރާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައި ވާކަމަށާއި މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/190617

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ފުލުހުން ވަނީ ދެނެގަންފައެވެ. އެއީ 13 އަހަރާއި 14 އަހަރުގެ ދެ ކުދިންނެވެ.

މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. ހަމައެއާއެކު އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ބުލީގެ މައްސަލަތަކަކީ ރާއްޖޭގައި އިންތިހާއަށް އާންމު މައްސަލަ ތަކެކެވެ. ސްކޫލުތަކުގެ މަތީ ގްރޭޑުތަކުގައި މި ކަން އާންމުއިރު، މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ސްކޫލު މާހައުލުގައި ފެންމަތިވެފައި އެބަހުއްޓެވެ.

comment ކޮމެންޓް