މިމަހުން ފެށިގެން އެމްޕީއެލުން 'ސްޓީވެޑޯރިން' ފީ ޑޮލަރުން ނަގަން ފަށައިފި

އެމްޕީއެލް ސަރަހައްދުން މުދާ ދޯންޏަކަށް ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

މި މަހުން ފެށިގެން އެމްޕީއެލްއިން ސްޓީވެޑޯރިން ފީ ޑޮލަރުން ނަގަން ފަށައިފިއެވެ.

ސްޓީވެޑޯރިން ފީ އަކީ އުޅަނދުފަހަރަށް މުދާ އަރުވާ، މުދާ ބޭލުމަށް ޕޯޓުތަކުން އެ ބޯޓެއްގެ އެޖެންޓުންގެ އަތުން ނަގާ ފީއެކެވެ.

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސްޓީވެޑޯރިން ފީ އެމްޕީއެލްއިން ނަގަމުން އައީ ރުފިޔާއިންނެވެ. ޑޮޮލަރުން ފީ ނަގާގޮތަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ.

މިކަމާ ގުޅިގެން 'ސަން' އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސްޓީވެޑޯރިން ފީ އަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އަތުން ނަގާ އެއްޗެއް ނޫން ކަމަށެވެ. އެއީ މުދާ ހިފައިގެން ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރުތަކުގެ އެޖެންޓުން އަތުން ނަގާ ފީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މިގޮތަށް ޑޮލަރުން ފައިސާ ނަގަން ފެށުމުގެ ސަބަބުން އެތައް ގޮތަކުން އެ ކުންފުންޏަށް ފައިދާ ވާނެ ކަމަށެވެ.

"މީގެ ސަަބަބުން އެމްޕީއެލްގެ ޑޮލާ ރެވެނިއު އެބަ އިތުރުވޭ. ދެން އިތުރު ފައިދާ އަކީ އަޅުގަނޑުމެން އަބަދުވެސް މި އިވެނީ އިގްތިސާދަށް ޑޮލަރުގެ ތާށި ކަމުގެ ވާހަކަ. އެހެންވީމަ އަޅުގަނޑުމެން އެ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދެވޭނެ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފައިސާ އެމްޕީއެލްއަށް ލިބުމުން އެ ފައިސާ ދައުރުވާނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ކަމަށެވެ.

ސްޓީވްޑޯރިން ފީގެ ގޮތުގައި އެމްޕީއެލްއިން 20 ފޫޓުގެ ކޮންޓެއިނާއަކުން 195 ޑޮލަރު ނަގާއިރު 40 ފޫޓުގެ ކޮންޓެއިނާއަކުން ނަގަނީ 211 ޑޮލަރެވެ.

comment ކޮމެންޓް