ނައިފަރު ތަފާތު، މި ފަހަރު ވެސް އިމާމުވެ ދަމު ނަމާދު ކުރަނީ ކުޑަކުދިން

ނައިފަރުގައި ދަމު ނަމާދު ކުރަ ކުޑަކުދިން--

މި އަހަރު ވެސް ނައިފަރުގައި ކުރިއަށް އޮތް 10 ދުވަހު އިމާމުވެ ދަމު ނަމާދު ކުރާނީ ކުޑަކުދިން ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ރެއިން ފެށިގެން ރޯދަ މަސް ނިމެންދެން ކޮންމެ ރެޔަކު ވެސް އެ ރަށުގެ ހަތަރު މިސްކިތެއްގައި ދަމު ނަމާދު ކުރަމުން އަންނާނީ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ، މިއީ މިގޮތަށް ދަރިވަރުން ލައްވައި، އާއި އުފެދެމުން އަންނަ ހާފިޒުން ބޭނުންކޮށްގެން މިގޮތަށް އެ ކަން ކުރާ ތިން ވަނަ އަހަރު ކަމަށެވެ.

އޭނާ ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން ދަމުނަމާދާއި ތަރާވީހު ނަމާދު ކުރަން ޝައުގުވެރިވަ ކުދިންނަށް އެޕްލައި ކުރުމަށް ފުރުސަތު ހުޅުވައިލީ ކަމަށެވެ.

"އެ ހުޅުވައިލި ފުރުސަތުގައި އެޕްލައި ކުރި ކުދިންނަށް މިހާރު މި ވަނީ ފުރުސަތު ހުޅުވައިލައިފައި،" އޭނާ ވިދާޅުވިއެވެ.

އެގޮތުން މި އަހަރު ނައިފަރު މިސްކިތްތަކުގައި އިމާމުވެ ދަމު ނަމާދު ކުރާ ކުދިންނަކީ:

  • ޔޫސުފް ޒަކްނޫން މުހައްމަދު ޖުނައިދު
  • އަބްދުﷲ ޒަކްވާން މުހައްމަދު ރިކްޒާން
  • މުހައްމަދު ޔަޒިން ޔާސިރު
  • ޒާލިފް މަދީހް
  • އަބްދުﷲ ހަޔާން ހަމީޒް
  • މުހައްމަދު ހާދިން ސައުދުﷲ
  • އިސްމާއިލް އަޝްހަމް އަހުމަދު
  • މިރުއާޝް ހުސެން މިރުޒާ
  • އާސިރު އާސިފް ޔޫސުފް
  • އަބްދުﷲ ޝައިއާން އަބްދުލްވާހިދު

އާންމުކޮށް އެ ރަށުގައި ތަރާވީހު ނަމަދާއި ދަމު ނަމާދު ކުރަނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ.

އޭނާ ވިދާޅުވީ މި ކުދިން ތައްޔާރު ކުރުމަށް ޓަކައި އިސްލާމިކް މިނިސްޓްރީން ހާއްސަ ސެޝަންތަކެއް ބާއްވައިފައިފައިވާ ކަމަށެވެ. އަދި ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރަން މިނިސްޓްރީން ހުއްދަ ވެސް ދީފައިވާ ކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

"މިކަމުގައި މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ފާހަގަ ކުރަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކުދިން ދާ ޤުރުއާން ކުލާސްތަކުގެ އުސްތާޒުންނާއި ޝެއިޚުންގެ ފަރާތުން ވެސް އެއްބާރުލުން ލިބޭކަން ފާހަގަކޮށް އެ ފަރާތްތަކަށް ވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އަދި ރައްޔިތުންގެ ފަރާތުން ވެސް އެކަމަށް އެއްބާރުލުން ލިބޭކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ކުދިންނަށް ދޭ ހިތްވަރާއި، ޖަމާއަތަށް ލިބޭ ޝައުގުވެރިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

"މާޝާﷲ ކުދިންގެ ކިޔެވުން ވަރަށް ރީތި، ވަރަށް ފުރިހަމަ، އެ ކުދިން ވަރަށް ޝައުގުވެރިކަމާއެކު މި ކަމުގައި ކުރިއަށް ދަނީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަހަރަކަށް ވުރެ އަހަރެއް މިކަމަށް ޝައުގުވެރިކަން ހުންނަ ކުދިން އިތުރުވެގެން ދިއުމަކީ އެ ރަށު ކައުންސިލަށާއި މުޅި ރަށަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

comment ކޮމެންޓް