ދިވެހި ބައިބްލް ބެހި ދެ ބިދޭސީންގެ ބަންދަށް 10 ދުވަސް

ދިވެހި ބައިބްލްތަކެއް ބެހި ކަމަށް ބުނާ ދެ މީހުން -- ފޮޓޯ/ އެމްވީ ކްރައިސިސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓު ސަރަހައްދުގައި ބައިބްލްގެ ދިވެހި ކޮޕީތަކެއް ބަހަން އުޅެނިކޮށް ހައްޔަރު ކުރި ދެ ބިދޭސީންގެ ބަންދަށް އިއްޔެ 10 ދުވަސް ޖަހައިފިއެވެ.

އިސްލާމް ދީނާ ހިލާފު ބައެއް ތަކެތި ބަހާ ކަމަށް ބުނެ، ދެ ބިދޭސީ އަންހެނުންގެ ފޮޓޯ މީސްމީޑިއާގައި އާންމުވީ މިދިޔަ ބުދަ ދުވަހުއެވެ. ދައުރުވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހުން ވަނީ ބައިބްލްގެ ދިވެހި ތަރުޖަމާއާއި އަދިވެސް އިސްލާމްދީނާ ހިލާފު ބައެއް ލިޔުންތަކާއި ވީޑިއޯތަކުގެ ލިންކްތައް ހިމެނޭ ބިޒްނަސް ކާޑުތަކެއް ބަހަމުންނެވެ. އެ މީހުން ހައްޔަރު ކުރީ އެ ދުވަހުގެ މެންދުރު ވަގުތެއްގައެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ، އެ މީހުން ހައްޔަރުކުރީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ ދެ މީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހުން ހިޔާ ފުލެޓުގެ މެއިލްބޮކްސްތައް ކައިރީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް