މި ހާލަތުގައި އިސްރާއީލުން ބޭނުންވާހާ ހަތިޔާރެއް ނުލިބޭނެ: އެމެރިކާ

އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް ސީކިޔު ބްރައުން -- ފޮޓޯ/އިންގްލިޝް އަރަބިޔާ

ހަނގުރާމަކުރުމަށް އިސްރާއީލުން ބޭނުންވާ ހުރިހާ ހަތިޔާރެއް ފޯރުކޮށްދީފައިނުވާނެ ކަމަށާއި، އެކަމުގެ އެއް ސަބަބަކީ މި ހާލަތުގައި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭން ބޭނުންނުވުން ކަމުގައި އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ސީކިޔު ބްރައުން އެގޮތަށް ވިދާޅުވެފައިވަނީ އެމެރިކާ އަތުން ބޭނުންވާ ހަތިޔާރުތަކުގެ ލިސްޓެއް ހުށަހެޅުއްވުމަށް އިސްރާއީލުގެ ދިފާއީ މިނިސްޓަރު ޔޯވް ގަލަންޓް މި ހަފުތާގެ ކުރީކޮޅު އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައިފައިވަނިކޮށެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ކުރަމުންދާތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިހާތަނަށް 32،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ޣައްޒާ ހަނގުރާމައިގައި މާލީ އަދި އަސްކަރީގޮތުން ވެސް އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ.

ނަމަވެސް ހަނގުރާމައިގައި އާންމުންނަށްދޭ ގެއްލުން ކުޑަކުރުމަށް އިސްރާއީލަށް ގޮވައިލުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އޮތީ ކޮންމެ ވެސް ވަރަކަށް ހީނަރުވެފައެވެ. ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުންދާ މިސްރާ ޣައްޒާގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަފަހް ސިޓީއަށް އަރައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ވާހަކަ ދައްކައިފައެވެ.

comment ކޮމެންޓް