ފަރުކޮޅުފުށީގައި އަޅާ ބުޅާ ފެސިލިޓީގެ ބިންގާ އަޅައިފި

ބުޅާ ފެސިލިޓީގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލެ ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީގެ ބިންގާ މިއަދު އަޅައިފިއެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގެ މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދާއި މާލެ ސިޓީ މޭޔަރު އާދަމް އާޒިމެވެ.

ބުޅާ ފެސިލިޓީގެ އަމަލީ މަސައްކަތް މި މަހު 19ގައި ފަށާފައިވާއިރު އޭރު ފަށާފައިވަނީ ފެސިލިޓީގެ ފެންސް ޖެހުމުގެ މަސައްކަތް ކަމަށް މޭޔަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުރިއަށް އޮތް ދެ މަހެއްތެރޭ ފެސިލީގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ބުޅާ ފެސިލިޓީގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ރައީސް އޮފީސް

އޭނާ އޭރު ވިދާޅުވީ، މި ފެސިލިޓީގެ ހުރިހާ ޓެކްނިކަލް މަސައްކަތްތައް ކުރަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ކަމަށާއި ފިޒިކަލް މަސައްކަތްތައް ކުރަނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

ފަރުކޮޅުފުށީގައި ކެޓް ޝެލްޓަރު ގާއިމުކުރަނީ 5000 އަކަފޫޓުގެ ބިމެއްގައެވެ. މި ތަނުގައި ކެޓް ޝެލްޓަރު ގާއިމު ކުރުމުން މާލޭގައި އުޅޭ ބުޅާތައް ގެންގޮސް، ފަރުވާ ދިނުމުގެ އިންތިޒާމު ގާއިމުކުރާނެއެވެ.

https://sun.mv/189992

މި ފެސިލިޓީއަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ފެސިލިޓީއެކެވެ.

މާލޭގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ވެސް ކުރިމަތިވެއެވެ. އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭގައި ބުޅަލުގެ އާބާދީ 3000އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

comment ކޮމެންޓް