ގަވާއިދާ ޚިލާފަށް އުޅޭ 900 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލެވިއްޖެ: ޝައްމާން

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން -- ސަން ފޮޓޯ/ އަމަން ލަތީފް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް 900 އަށްވުރެ ގިނަ ބިދޭސީން މިހާރު ޑީޕޯޓް ކޮށްލެވިފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ލޯކަލް ގަވަނަންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ، އިމިގްރޭޝަން އަދި ނޭޝަނަލް ރެޖިސްޓްރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝައްމާން ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކޮންމެ ހަފުތާއަކު ބޮޑު ދެތިން، އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޑިޓެންޝަން ސެންޓަރުގެ ކެޕޭސިޓީ ވެސް ހުންނަ ވަރަކުން އެ މީހުން މި ނަގަނީ. ނަގައިފައި އެ މީހުން ރިމޫވްވުމާ އެ މީހުން ރާއްޖެއިން ޑީޕޯޓްކުރުމުގެ ކަންކަން ވަރަށް ބާރަށް އެބަ ދޭ އިނގޭތޯ،" ޝައްމާން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ކަންކަމުގައި ވެސް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން އޭޓީއެމްތަކުގެ އިތުރުން ވައިބާ ގްރޫޕްތަކުގައި ވެސް އެ މަސައްކަތް ބިދޭސީން ކުރާކަމަށް ޝައްމާން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ހަތް ބިދޭސީން މި މަހުގެ 15 ވަނަ ދުވަހު ވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހައްޔަރުކޮށްފައެވެ.

މިއަދު ޝައްމާން ވިދާޅުވީ އޭގެ ތެރެއިން ބައެއް ބިދޭސީން މިހާރު ފޮނުވާލާފައިވާ ކަމަށެވެ. އަދި ބައެއް މީހުންގެ އަތުގައި ޑޮކިއުމަންޓް ނެތުމުން އެމްބަސީއަށް ޑޮކިއުމަންޓް ހައްދަން ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް އެމީހުން ޑީޕޯޓު ކުރަމުން ގެންދާނީ،" ޝައްމާން ވިދާޅުވިއެވެ.

comment ކޮމެންޓް