މައިޝާގެ ލަވައެއް ޓިކްޓޮކްގައި ބިލިއަނަކަށް

ކަވާ ލަވަތައް ކިޔައިގެން މަގުބޫލުކަން ހޯދި މައިޝާ ދީދީ

ތަފާތު އެކި ކަހަލަ ލަވަ ކިޔައި ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ މައިޝާ ދީދީގެ މިއުޒިކެއް ޓިކްޓޮކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އެބަ ދެއެވެ.

ތަފާތު އެކި ލަވަތަކުގެ ކަވަރު މިއުޒިކް ހަދައި މަގުބޫލުކަން ހޯދާފައިވާ މައިޝާ މިދިޔަ އަހަރު ނެރުނު ލަވަ "އައި ގެޓް ޓު ލަވް ޔޫ" އަންނަނީ ޓިކްޓޮކްގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ. މި ލަވައާއެކު މީގެކުރީން ދިވެހި އާޓިސްޓަކަށް ޓިކްޓޮކުގައި ލިބިފައި ނުވާ މަގުބޫލުކަމެއް ވަނީ މައިޝާ ހޯދާފައެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ މައިޝާ އޭނާގެ ގިޓާ އާއެކު ތައްޔާރުކޮށްފައިވާ އެކޫސްޓިކް ކަވަރު މި ލަވަ ރިލީޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެއަށްފަހު އެ ލަވައިގެ އޯޑިއޯކޮޅެއް ވަނީ ޓިކްޓޮކަށް ވެސް ލާފައެވެ.

މި ލަވަ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ޓިކްޓޮކްތަކުގެ އަދަދު 777،500 އަށް ވުރެ ގިނަ ވާއިރު ޖުމްލަ ހުރިހާ ޓިކްޓޮކްތަކުގެ ވިއުސްތަކުގެ އަދަދު އެއް ބިލިއަނަށް ވަނީ އަރާފައެވެ. އެއާއެކު މައިޝާގެ އޯޑިއޯ ވަނީ އެއް ބިލިއަން ފަހަރަށް އަޑު އަހާފައެވެ.

މި އޯޑިއޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބައެއް ޓިކްޓޮކްތަކުގެ ވިއުސްގެ އަދަދު އެތައް މިލިއަނަށް ވުރެ މައްޗަށް އަރައެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ރުއެލް ކިޔާފައިވާ މި ލަވައިގެ ކަވާ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެތައް ބަޔަކު ރިޕީޓުކޮށް ޖަހަމުން އަންނަ ލަވައެކެވެ. އެގޮތުން މި ލަވައިގެ އޯޑިއޯ ޓިކްޓޮކްގައި މަގުބޫލުވަމުން އަންނާތީ އެހެން ސޯޝަލް މީޑިއާތަކުގައި މައިޝާ ޕޯސްޓުކޮށްފައިވާ މި ލަވައަށް ވެސް އަންނަނީ މަގުބޫލުކަން ލިބެމުންނެވެ. އެގޮތުން ފާއިތުވި މަހެއްގެ ތެރޭގައި މި ލަވައަށް ޔޫޓިއުބްގައި ވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

އައި ގެޓް ޓު ލަވް ޔޫގެ ކަވާ އާއެކު ސްޕޮޓިފައިގައި ވެސް މައިޝާއަށް މަގުބޫލުކަން އަންނަނީ ލިބެމުންނެވެ. ސްޕޮޓިފައިގައި އެކަނި ވެސް މި ލަވަ ސްޓްރީމް ކޮށްފައިވާ އަދަދު މިހާރު އެއް މިލިއަނާ ގާތް ކުރަނީއެވެ. އެއާއެކު މައިޝާއަށް ސްޕޮޓިފައިގައި މަހެއްގެ މައްޗަށް ލިބޭ އެވަރެޖް ސްޓްރީމްގެ އަދަދު ވެސް ވަނީ ދެ ލައްކައިން މައްޗަށް އަރާފައެވެ.

އާންމުކޮށް އިނގިރޭސި ކަވަރުތައް ކިޔައި އުޅޭ މައިޝާގެ ދިވެހި ލަވައެއް ވެސް ވަނީ ދާދި ފަހުން އަޑު އަހާލަން ލިބިފައެވެ. މައިޝާ އެންމެ ފަހުން ކިޔާފައިވަނީ އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ލަސްވިޔަސް"ގެ ސައުންޑްޓްރެކްގައި ހިމެނޭ ލަވައެކެވެ. އެއީ 1980ގައި ނެރުނު ލަވަ "ކައިވެނީގެ އަމާޒު"ގެ އާ ރެންޑިޝަން އެކެވެ. މި ލަވަ ވެސް މިހާރު ސްޕޮޓިފައި އިން ސްޓްރީމް ކޮށްލެވޭނެއެވެ.

comment ކޮމެންޓް