ކުނަހަންދޫ ކްރިކެޓް ކާނިވަލް މުބާރާތުގެ މެޗުތައް ފޯރިއާއެކު ކުރިއަށް!

ކުނަހަންދޫގައި ކުޅޭ ކްރިކެޓް ކާނިވަލްގެ ތެރެއިން -- ފޮޓޯ/ ލަރޭ

ލ. ކުނަހަންދޫގައި ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ބާއްވާ ކްރިކެޓް ކާނިވަލް މުބާރަތުގެ މެޗުތައް ފޯރިއާއެކު ކުޅެން ފަށައިފިއެވެ.

މި މުބާރާތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އެ އަތޮޅުގެ ކްރިކެޓް ޑިވެލޮމްމަންޓް ކޯޗް ލިރުޣާމް ސައީދު (ލަރޭ) ބުނުއްވި ގޮތުގައި މިފަހަރުގެ މުބާރާތް ކުރިއަށް ދަނީ ލޮޓަސް ރަމަޒާން ކްރިކެޓް ކާނިވަލްގެ ނަމުގައެވެ.

އެގޮތުން މިދިޔަ އަހަރު މުބާރާތުގައި ޖުމްލަ ހަތް ޓީމު ބައިވެރިވިކަން ފާހަގަކުރައްވާ ލިރުޣާމް ބުނުއްވީ މި އަހަރު ޓީމުތަކުގެ އަދަދު 10 އަކަށް އިތުރުވެފައިވާ ކަމަށެވެ.

"އެއީ އަންހެން ހަތަރު ޓީމާއި ފިރިހެން ހަ ޓީމު. ދެން އަޅުގަނޑުމެން މި މުބާރާތް ބާއްވާން ރާވާފަ މި އޮތީ ދެ ގުރޫޕަކަށް ބަހާލައިގެން. އެއީ އަންހެން ކުދިން އަދި ފިރިހެން ކުދިން ވަކިން" ލިރުޣާމް މަޢުލޫމާތު ދެއްވިއެވެ.

ކުނަހަންދޫގައި ކުޅޭ ކްރިކެޓް ކާނިވަލްގެ ތެރެއިން -- ފޮޓޯ/ ލަރޭ

އިތުރު މަޢުލޫމާތު ދެއްވަމުން ލިރުޣާމް ބުނުއްވީ މިހާތަނަށް މުބާރާތުގެ ހަ މެޗު ނިމިފައިވާ ކަމަށާއި މިއަދު ކުޅުން ހަވަނަ މެޗްގައި ވާދަ ކުރީ ސޮނީ ހާޑްވެއާގެ ޓީމްއާއި ރޯޔަލް ހަޓްގެ ޓީމް ކަމަށެވެ.

އެ މެޗުގައި ސޮނީ ހާޑްވެއާ ޓީމުން ދޭއް، ހަޔަކުން ކުރި ހޯދައިފައިވާތީ ފައިނަލުގައި ސޮނީ ހާޑްވެއާ ޓީމުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް ލިރުޣާމް ބުނުއްވިއެވެ.

އެއާއެކު، މިއަދު މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނީ ހާޑްވެއާ ޓީމްގެ މުހައްމަދު ސައިބާނެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި ލޮޓަސް ފިހާރައިގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ސަބަބުން ކުނަހަންދޫގައި ކްރިކެޓް ކުޅުންތެރީން އިތުރުވެ އެ ކުޅިވަރަށް އޮންނަ ޝައުގުވެރިން ފުޅާވަމުން ދާކަން ލިރުޣާމް ފާހަގަކުރެއްވިއެވެ.

ކުނަހަންދޫގައި ކުޅޭ ކްރިކެޓް ކާނިވަލްގެ ތެރެއިން-- ފޮޓޯ/ ލަރޭ

"ކުނަހަންދޫގައި ޚާއްސަކޮށް އަންހެން ކުދީންގެ މެދުގައި ކްރިކެޓްގެ ޝައުގުވެރިކަން ބޮޑީ. ހަމައެއާއެކު ރަނގަޅު ފެންވަރުގެ ފިރިހެން ކްރިކެޓަރުން ކުނަހަންދޫން އުފެދޭ" ކަމަށް ލިރުޣާމް ފާހަގަކުރެއްވިއެވެ.

ކުރިން ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅުއްވުމަށްފަހު ކޯޗެއްގެ ގޮތުގައި ޙަރަކާތްތެރިވެ، މިހާރު ދިރިއުޅުއްވާ ލ. ކުނަހަންދޫގައި ކްރިކެޓް ކުރިެރުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ލިރުޣާމް ސަޢީދު ފާހަގަކުރެއްވި ގޮތުގައި މި ކުޅިވަރަށް އިތުރުވާ ކުޅުންތެރިންނަކީ ކްރިކެޓް ބޯޑުން އެ ރަށުގައި ކުރިއަށް ގެންދާ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ސަބަބުން އިތުރުވާ ކުޅުންތެރީންނެވެ.

ރާއްޖޭގެ ޤައުމީ އަންހެން ކްރިކެޓް ތީމުގެ ހަތް ކުޅުންތެރިންނަކީ ކުނަހުންދޫއަށް ނިސްބަތްވާ ކުޅުންތެރީންނެވެ. މި ކުޅުންތެރީން ޤައުމީ ޓީމާއެކު ރާއްޖެ ތަމްސީލުކުރުމަށް މިދިޔަ ފެބްރުއަރީ މަހު އޭޝިއަން ކްރިކެޓް ކައުންސިލްގެ ވިމެންސް ކަޕް ގައި ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި ލިރުޣާމްް ވެސް ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް