އޮންލައިންކޮށް ކުދިންގެ ފައިދާ ނަގަން އުކުޅަކަށް ފަހު އުކުޅެއް، ސަމާލުވޭ!

ކުޑަކުއްޖެއް: އޮންލައިންކޮށް ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅުނު ދެމަފިރިއަކު މާލެ ބަދަލުވީއިރު ދަރިފުޅަށް 13 އަހަރެވެ. ބީރައްޓެހި މާހައުލަކަށް ހޭނެމުން އައި ފުރާވަރުގެ ކުއްޖާއަށް އެކުވެރިއަކާ ދިމާވީ އޮންލައިން ގޭމެއްގެ ތެރެއިންނެވެ.

ދެ ކުދިން ހިއްސާކުރި ޝައުގުވެރިކަމުން އުފެދުނު ގުޅުން، އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމުން އަނެއް ޕްލެޓްފޯމްގައި ބަދަހިކުރަމުންދިޔައެވެ. ނަމަވެސް ގޭމަކުން ކުރިމަތިނުވާ ފަދަ ނުރައްކަލަކާ ކުރިމަތިވެ، ނަފްސާނީ ހާސްކަމެއްގެ ތެރެއަށް ކުއްޖާ ވެއްޓުނީ އަމިއްލަ ނަފުސާ ބެހޭ ގޮތުން ހިއްސާކުރެވުނު މައުލޫމާތަކުން، އެކުވެރިއެއް ކަމަށް ހެދިގެން އުޅުނު މީހެއްގެ އިންޒާރާއި ބިރުދެއްކުމާ ކުރިމަތިލާން ޖެހުމުންނެވެ.

މިއީ، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ އިތުބާރު ހޯދައި، ގާތް ގުޅުމުގެ ގާއިމުކޮށްގެން ކުދިންގެ ނާޖާއިޒު ފައިދާ ނަގަން ނުވަތަ އެކްސްޕްލޮއިޓް ކުރަން ބޭނުންކުރާ އުކުޅެކެވެ. މިފަދަ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފުލުހުން ފާހަގަކުރެއެވެ.

އެކްސްޕްލޮއިޓޭޝަންގެ އެކި ބާވަތްތަކުގެ ކުށްތައް ހިނގާކަން ފުލުހުން މީގެ ކުރިން ވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކުޑަކުދިންނާއި ޒުވާނުންގެ ތެރޭގައި މަގުބޫލު ގޭމްތައް މެދުވެރިކޮށް މުއާމަލާތްކުރުމަށް ފަހު ބައްދަލުކޮށް، ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ހިތްވަރުދޭކަން ފާހަގަކުރެވިފައިވާކަން މިދިޔަ އަހަރުގެ ތެރޭގައި ފުލުހުން ފާހަގަކޮށްފައިވެއެވެ.

މިދިޔަ ހަފުތާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުޑަކުދިންނާ މެދު ކުރާ ކުށްތައް ތަހުގީގުކުރާ ޑިޕާޓްމެންޓްގެ އެކްޓިން ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮފްވަތު ރައުފް ހިއްސާކުރެއްވި ގޮތުގައި އޮންލައިން ގޭމްތަކުން ކުޑަކުދިންނާ ވާހަކަދައްކައިގެން ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހޯދުމުގެ ކުށް ވެސް ކުރެއެވެ.

"ބައެއް ކުދިން އޮންލައިން ގޭމްތައް ކުޅުމުގެ ތެރޭގައި އެކުދިންނާ މިދިމާވާ އެކި މީސްމީހުންގެ ފަރާތުން އެކުދިން އެކްސްޕްލޮއިޓް ކުރުމަށް، ގޭމްތަކުގައި ބައެއް ފަހަރު ބޭނުން މިކުރާ ކަރަންސީގެ ގޮތުގައި ބޭނުންކުރާ ޑިޖިޓަލް ފައިސާގެ ޒަރިއްޔާއިން އެ ކުދިންނަށް މަންފާތައް ދީގެން އެ ކުދިން ލައްވާ ބަރަހަނާ ފޮޓޯތައް ނަގުވައި ފޮނުވައި މިކަހަލަ ވަރަށް ގިނަ އެކްސްޕްލޮއިޓޭޝަން ކަންތައްތަކެއް ފާހަގަވެފައި އެބަވޭ،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އޮންލައިން ގޭމްތައް މެދުވެރިކޮށް ގްރޫމްކޮށްގެން ކުޑަކުދިންގެ ބަރަހަނާ ފޮޓޯތައް ބޭނުންކުރާ ކަމަށް ފުލުހުން ބުނި -- ސަން ފޮޓޯ/ މޫސާ ނަދީމް

އޮންލައިން ވަސީލަތްތަކުން ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގާ ގޮތް

ކުޑަކުދިން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވާ ވަރަކަށް ނުރައްކަލަށް ހުށަހެޅޭ މިންވަރު ވެސް އިތުރުވެއެވެ. އެގޮތުން ކޮވިޑް-19ގެ ތެރޭގައި ކުދިން ގޭގައި ތިބެންޖެހުނު ވަގުތާއެކު އޮންލައިންކޮށް ތިބޭ ވަގުތު ވެސް އިތުރުވުމުން، ގްރޫމް ކުރުމާއި ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލަތައް އިތުރުވުމުގެ ކަންބޮޑުވުން އޭރު ވެސް ޖެންޑާ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޖެންޑާ މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި، އޮންލައިން ޕްލެޓްފޯމްސް މެދުވެރިކޮށް ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުން އަންނަކަން ކޮވިޑް-19 ބަލިމަޑުކަމަށް ފަހު ވަނީ ފާހަގަވާން ފަށައިފައެވެ.

އެ ބަލިމަޑިކަމުގެ ތެރެއިން، ޚާއްސަކޮށް ފުރަބަންދުގެ މުއްދަތުގައި ކުދިން އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވި މުއްދަތުގެ ތެރޭގައި މިފަދަ މައްސަލަތަކުގައި ކުދިންނަށް އަނިޔާ ކުރާ މީހާ، ޝަހްސު އޮޅުވާލައިގެން ކުދިންނާ ވާހަކަ ދައްކައި، އެކުދިންގެ އިތުބާރު ހޯދުމަށްފަހު ކުދިންނަށް ވާސިލުވެ އެކުދިންނަށް އެކި ބާވަތުގެ އަނިޔާކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމުގެ ކަންބޮޑުވުން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

"މިފަދަ އަނިޔާ ކުރާ މީހުން އެ ކުދިން އަތުން އެ ކުދިންގެ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ފަހުން ބްލެކްމެއިލްވެސް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވޭ." ޖެންޑާ މިނިސްޓްރީން ހާމަކުރިއެވެ.

އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް ބެލުން

ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނެގުމާއި އޮރިޔާން ކާޑު ހެދުމުގެ މައްސަލަތައް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އަދަބު ދެވޭނެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކްސްޕްލޮއިޓް ކުރުމުގެ ކުށް، އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ކޮށްފި ނަމަ ފަސް އަހަރަށް އަދި އެހެން މީހަކު ނަމަ ތިން އަހަރަށް ޖަލަށް ލެވޭނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އޮރިޔާންކާޑު ހެދުމުގައި އެ ކުޑަކުއްޖާ ބައިވެރިކުރުވައިފިނަމަ، ނުވަތަ އެ ކުޑަކުއްޖާގެ ޖިންސީ ގުނަވަނެއް ހާމަކޮށް ފެންނަގޮތަށް، އޮރިޔާންކާޑު ހަދައިފިނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންގެ ދަފްތަރުގައި މިހާރު 213 މީހެއްގެ ނަން ހިމެނޭއިރު، އޭގެ ތެރޭގައި ކުޑަކުދިންގެ އޮރިޔާން ކާޑު ހެދުމުގެ ކުށް ސާބިތުވެފައިވާ ފަސް މީހަކު ހިމެނެއެވެ. އެ އެންމެންނަށް ވެސް ކޮށްފައިވަނީ 16 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެވެ.

ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖަކު ޖިންސީ އަނިޔާ ދީ ރޭޕް ކުރި މައްސަލައިގައި މާލޭގައި ކުރި އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އާންމު ގޮތެއްގައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ނަމަވެސް މަދަނީ މައްސަލައިގެ ގޮތުގައި ވެސް އެފަދަ މައްސަލަތައް ބެލޭނެ ކަމަށް ގާނޫނީ ވަކީލް، މަރިޔަމް ޝުނާނާ ވިދާޅުވެއެވެ. އެގޮތުން އެފަދަ ތަޖުރިބާއެއް ކުރެވުމުން ކުދިންނަށް ނަފްސާނީ ގޮތުން ލިބޭ ގެއްލުމަށް ކުށްވެރިޔާ ޒިންމާދާރުކުރުވުމަށް، މަދަނީ މައްސަލައެއްގެ ގޮތުގައި މައްސަލަ ހުށަހެޅޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސިވިލް އެކްޝަންއެއް ނެގޭނެ އެކްސްޕްލޮއިޓް ކުރާ މީހާއާ ދެކޮޅަށް، ސިވިލް އެކްޝަން ނަގައި ކޮމްޕެންޒޭޝަން ވެސް ހޯދޭނެ،" ޝުނާނާ ވިދާޅުވިއެވެ.

"[ނަފްސާނީ ގޮތުން] ލިބުނު ގެއްލުމުން ކުއްޖާ ރިކަވާ ވާނީ ފައިނޭންޝަލީ އެ ކުއްޖާއަށް ތެރެޕީ [ލިބިގެން]."

ނަމަވެސް އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅަން ބޭނުންވާ ހެކި ހޯދުމުގެ ޓެކްނޮލޮޖީ ލިބިފައިވަނީ ފުލުހުންނަށް ކަމާއި، ސައިބާކްރައިމްތަކުގައި ޝާމިލުވާ މީހުން ޓްރޭސްކޮށްގެން ހޯދާ މައުލޫމާތު، މަދަނީ މައްސަލަތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކާ ހިއްސާކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ފުލުހުން ވަނީ ސޯޝަލް މީޑިއާ ބައެއް ޕްލެޓްފޯމްތަކާއި ބޭރުގެ އިދާރާތަކުން އޮންލައިންކޮށް ކުށްކުރާ މީހުންގެ މައުލޫމާތު ހޯދުމަށް ބައެއް ފަހަރު ދަތިތަކާ ދިމާވާކަން ފާހަގަކޮށްފައެވެ. ނަމަވެސް އެފަދަ މައުލޫމާތު ލިބުމުން އެމީހެއްގެ އައިޑީ އާއި މޮބައިލް ނަމްބަރު ހޯދާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ، ސޯޝަލް މީޑިއާ މެދުވެރިކޮށް ޑައުންލޯޑް ކުރާ ބަޔެއްގެ މައުލޫމާތު، އެފަދަ ކަންކަން މޮނިޓާކޮށް ބަލަހައްޓާ ބޭރުގެ ގާނޫނު ތަންފީޒުކުރާ އޭޖެންސީތަކުގެ ފަރާތުން ފުލުހުންނާ ހިއްސާކުރުމުން މިދިޔަ އަހަރު މައްސަލަތަކެއް ބަލަން ފަށައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ ތެރެއިން އެއް މައްސަލައިގައި ދައުވާކުރަން ފޮނުވި ނަމަވެސް، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޕީޖީން ފާހަގަކުރީ ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުމުގެ ވަކި ކުށެއް ގާނޫނުގައި ނެތުމެވެ.

ފުލުހުންގެ ފާރަވެރިކަން އިތުރުކުރަން ކުރާ މަސައްކަތްތައް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ ނަމަވެސް، އެ ކުއްޖާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ތިބޭ ބަޔަކު އަމިއްލަ އެދުން އިސްކޮށް، މައްސަލަ ފޮރުވުމަކީ އަދިވެސް އާންމު ކަމެކެވެ. ނަމަވެސް އަނިޔާ ލިބޭ ކުއްޖަކަށް އިންސާފު ހޯދައިދިނުމާއި އެ ކުއްޖާއަށް އިތުރަށް ގޯނާއެއް ނުކުރެވޭނެކަން ކަށަވަރުކޮށް، އަމާން ދިރިއުޅުމެއް ހޯދައިދިނުމަށް ވުރެ އިސްކަން ދޭން ޖެހޭނެ ކަމެއް އެފަދަ ހާލަތެއްގައި އޮވެގެން ނުވާނެއެވެ.

"ކުޑަކުދިންނަށް އެކިކަހަލަ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތަކުގެ އަދަދު ދުވަހެއް ދުވަހަށް އިތުރުވަމުންދާތީ އާއި ކުޑަކުދިންނާ މެދު ހުށަހެޅޭ މިފަދަ މައްސަލަތަކަކީ ވަރަށް ހައްސާސީ މައްސަލަތަކަށް ވުމުން، މިފަދަ މައްސަލައިގެ މައުލޫމާތު އެނގޭ ހިސާބުން ކަމާ ގުޅުން ހުރި އިދާރާތަކާ އެފަދަ މައުލޫމާތު ހިއްސާކުރުމަށް އަދި ކުޑަކުއްޖަކަށް ކޮންމެ ބާވަތެއްގެ އަނިޔާއެއް ލިބުނު ކަމުގައި ވިޔަސް އެކަން ސިއްރުނުކޮށް މި ޚިދުމަތަށް ވީހާވެސް އަވަހަކަށް ހިއްސާކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" ސޮފްވަތު ވިދާޅުވިއެވެ.

އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކާ ގުޅޭ ގޮތުން މުދައްރިސުން ހޭލުންތެރިކުރުމަށް ފުލުހުން ބޭއްވި ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ ފުލުހުން

އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންގެ ގާބިލުކަމާއި ކެޕޭސިޓީ އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކޮށް އަމަލުކުރަންވީ ވަކި ޚާއްޞަ އުސޫލެއް ޑްރާފްޓްކޮށްފައިވާ ކަމަށެވެ.

އެފަދަ އުސޫލެއް އެކުލަވާލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި އެފަދަ މައްސަލަތައް ތަހުގީގު ކުރާއިރު ވެސް އެއް މިންގަނޑަކުން އަމަލުކުރަން ވަރަށް ބޮޑު ފަސޭހަވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޮންލައިންކޮށް ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ދައުރުކުރާ މައްސަލަތައް ތަހުގީގު ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި، އެ މައްސަލަތަކާ ގުޅުންހުރި ދާއިރާގެ ފުލުުހުން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ބޭރުގެ ފަރާތްތަކާ ގުޅިގެން މިއަހަރު ތެރޭގައި ކުރިއަށްގެންގޮސްފައިވާ ކަމަށް ސޮފްވަތު ހިއްސާކުރެއްވިއެވެ.

"އަޅުގަނޑުމެން ވަކިން ޚާއްޞަ ކަމެއްގެ ގޮތުގައި އިލްތިމާސް ކޮށްލަން ކުދިންގެ ރައްކާތެރިކަމަށް ޓަކައި މުއައްސަސާތަކުގެ އިތުރަށް މައިންބަފައިން އެބަ ޖެހޭ ސަމާލުވާން. އެކުދިން އޮންލައިންކޮށް މޮބައިލް ފޯނުން އެކުރާ ކަންތައްތަކަށް ރައްކާތެރިވުމަށް އެކުދިން ވާހަކަދައްކާ ފަރާތްތައް މައިންބަފައިންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް،" އޭނާ އިރުޝާދުދެއްވިއެވެ.

ކުޑަކުދިންގެ ނާޖާއިޒު ފައިދާ ނަގަނީ ގެއިން ބޭރުގައި އުޅެނިކޮށް، ބެލެނިވެރިންނަށް ނުފެންނަ ހިސާބަށް ދެވުނީމަ އެކަނި ކަމަށް މިހާރު ބެލެވެން ނެތެވެ. ކުއްޖާ ކައިރީގައި ޖެހިގެން ހުންނައިރު ކޮމްޕިއުޓަރުން ނުވަތަ ފޯނުން ވެސް އަތުވެދާނެ ނުރައްކަލަކަށް މިހާރު ހުށިޔާރުވާންޖެހެއެވެ.

އެފަދަ ފުރުސަތަކަށް ޖާގަ ނުދިނުމަށް ޓަކައި ކުދިން އިންޓަނެޓް ބޭނުންކުރާއިރު އިންޓަނެޓް ބޭނުންކުރަނީ ކިހިނެއްތޯ އާއި އޮންލައިން ރަހުމަތްތެރިންނަކީ ކޮބައިކަން ދެނެގަނެ، ނުދަންނަ މީހަކާ މުއާމަލާތްކުރޭތޯ ބަލަންޖެހެއެވެ.

މީގެ އިތުރުން އޮންލައިންކޮށް ދައްކާ ވާހަކައިން ކުރިމަތިވެދާނެ ނުރައްކަލަކަށް ކުދިން އަހުލުވެރިކޮށް، ބިރުވެރިކަމަކާ ދިމާވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތް އެ ކުދިންނަށް ކިޔައިދޭން ޖެހެއެވެ. ހަމައެއާއެކު، ޕޭރެންޓަލް ލޮކް ފަދަ ފީޗާތަކުގެ ބޭނުންހިފައި، ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އިސްކަން ދޭންޖެހެއެވެ.

comment ކޮމެންޓް