ބޮޑީ ސްޕްރޭ ''ވަގު'' ބުނީ އެކަން ކުރީ އައިޑީކާޑް ހައްދަން ކަމަށް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ފިހާރައެއްގެ ތެރެއިން ބޮޑީ ސްޕްރޭ ފުޅިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، ވައްކަން ކުރަން މަސައްކަތް ކުރީ އައިޑީ ކާޑު ހައްދަންވެގެން ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހަށް އިއްޔެ ހާޒިރު ކުރި 44 އަހަރުގެ ފިރިހެނެއްގެ މައްޗަށް ވަނީ ފިހާރައެއްގެ ތެރެއިން ބޮޑީސްޕްރޭ ހަތަރު ފުޅި ވަގަށް ނެގި ކަމަށް ތުހުމަތުކޮށްފައެވެ.

ކޯޓުގައި އޭނާ ބުނީ އޭނާ އާމްދަނީ ހޯދަން ކުރާ ކަމަކީ މީހުން ކައިރީ އެކި މަސައްކަތްތައް ކުރުން ކަމަށެވެ. އަދި އޭނާ ވައްކަން ކުރަން މަސައްކަތް ކުރީ އައިޑީކާޑް ހަދަން ވެގެން ފައިސާ ހޯދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ އަމުރުގައި ވަނީ އޭނާގެ ހައްޔަރުގެ ރެކޯޑު އޮތް ކަމަށާއި އެގޮތުން ތިން ފިހާރައެއް ބަންދުކޮށްފައި ހުއްޓައި އެތަނަށް ވަގަށް ވަނުމާއި ވައްކަން ކުރުމުގެ ރެކޯޑް އޮތް ކަމަށެވެ.

މިފަހަރު އޭނާ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާއިރު، މައްސަލަ ބެއްލެވި ގާޟީ ނިންމެވީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ހާލަތު އޮތް ކަމަށެވެ.

އެހެންވެ، އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް